އަވަށްޓެެރި އިންޑިއާއަށް ކުރިމަތިވެފައިވާ ކޮވިޑުގެ ދެވަނަ ރާޅާއިއެކު އެގައުމުގައި ކޮވިޑްގެ ހާލަތު ކޮންޓްރޯލުން ނެއްޓި ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތިމީހުން ބަލީގައި މަރުވަމުންދާތީ ރެއާލް މެޑްރިޑާއި ސްޕެއިންގެ ކެޕްޓަން އަދި ޔުނިސެފްގެ އެމްބަސެޑަރަު ސާޖިއޯ ރާމޮސް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެގޮތުން ރާމޮސް ކުރި ޓުވީޓެއްގައި ބުނެފައިވަނީ އިންޑިއާގައި ކޮވިޑުގެ ހާލަތު ބޮޑުތަނުން ގޯސްވެ، ވައިރަސްއަށް ހުށަހެޅޭ މީހުނާއި މަރުވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުންދާ ކަމަށާއި، ބަލީގައި މަރުވާ 5 އަހަރުން ދަށުގެ ކުދިންގެ އަދަދު އެންމެ ގިނަ ގައުމަށް އިންޑިއާވުން ގާތްކަމަށާއި، މިކަމާ އޭނާއާއި ޔުނިސެފުން ކަންބޮޑުވާ ކަމަށެވެ. އަދި އިންޑިއާ އަށް މިވަގުތު އެންމެންގެ އެހީ ބޭނުންވާ ކަންވެސް ރާމޮސް ފާހަގަކުރިއެވެ.

އިންޑިއާގެ ކޮވިޑުގެ ހާލަތާއިމެދު ކަންބޮޑުވާކަން ރާމޮސް ހާމަކޮށްފައިވާއިރު މީގެ ދެ ހަފްތާކުރިން އޭނާވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެއާއެކު ކަރަންޓީނުގައި 10 ދުވަހުގެ މުއްދަތެއް ހޭދަކުރިއިރު މި މުއަްދަތުގައި އޭނާ ދިޔައީ ފައިގެ ކުޑަކަޅުވާއަށް ލިބުނު އަނިޔާއަކަށްވެސް ފަރުވާ ހޯދަމުންނެވެ.

ރިކަވަރީ އަދި ކަރަންޓީން މުއްދަތުގައި ރާމޮސް އަށްވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ޗެލްސީ އާއި ދެކޮޅަށް ކުޅެ ރެއާލުން އެއްވަރުވި މެޗުގައި ބައިވެރިވުމުގެ ފުރުސަތު ގެއްލިފައެވެ. އެހެންނަމަވެސް ރިޕޯޓްތައް ބުނާގޮތުން ސެމީގެ ދެވަނަ ލެގުގައި ޗެލްސީގައި ރެއާލުން އެޓީމާއި ދެކޮޅަށްކުޅޭ މެޗުގައި ރާމޮސް ކުޅުމުގެ ފުރުސަތު ބޮޑެވެ.