ޕްރިމިއަރ ލީގުގައި ހުކުރު ދުވަހުގެރޭ ސައުތެމްޕްޓަނުން ލެސްޓާ ސިޓީ މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.

ލީގުގައި ރަނަގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ލެސްޓާއިން ރަށުން ބޭރުގައި ސައުތެމްޕްޓަނުގެ ދަނޑުގައި ކުޅުނު މިމެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މިމެޗުގެ 80 މިނެޓު ސައުތެމްޕްޓަނުން އެއްކުޅުންތެރިއަކު މަދުން ކުޅުނު ނަމަވެސް އެޓީމުން ވަނީ މޮޅުކުޅުމެއް މެޗުގައި ދައްކާފައެވެ. މިމެޗުގެ ބޮޑުބައެއް އެޓީމުން އެއްކުޅުންތެރިއަކު މަދުކޮށް ކުޅެންޖެހުނީ ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި އެޓީމުގެ ޖެނިކް ވެސްޓާގާޑަށް ރަތްކާޑެއް ދެއްކުމާއި ގުޅިގެންނެވެ. ވެސްޓާގާޑަސް ރެފްރީ ރަތްކާޑެއް ދެއްކީ ލެސްޓާގެ އިތުބާރު ފޯވާޑް، ވާޑީ އަށް އޭނާކުރި ފައުލަކާއި ގުޅިގެންނެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީވެސް ސައުތެމްޕްޓަނުންނެވެ. މިއީ ދެވަނަ ހާފުގެ 16 ވަނަ މިނެޓުގައި އެޓީމުގެ ސްޓުއާޓް އާމްސްޓްރޯންގަށް ލެސްޓާގެ އިހެނާޗޯ ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ޖޭމްސް ވާޑް ޕްރައުސް ކާމިޔާބުކުރި ލަނޑެކެވެ/

އެހެންނަމަވެސް ލެސްޓާއިން ވަނީ އޭގެ ހަތްމިނެޓުފަހުން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ އިހެނާޗޯގެ އެހީތެރިކަމާއިއެކު އިވާންސް ކާމިޔާބުކުރި ލަނޑެކެވެ.

މި ނަތީޖާއާއިއެކު ލެސްޓާއަށްވަނީ ޕޮއިންޓް ތާވަލުގެ ގަދަ ހަތަރެއްގައި ހަމަޖެހިލާފައެވެ. އެގޮތުން ލެސްޓާ ތާވަލުގެ ތިންވަނައިގައި އޮތީ 34 މެޗުން 63 ޕޮއިންޓާއިއެކުގައެވެ. ސައުތެމްޕްޓަނަށް 33 މެޗުން 36 ޕޮއިންޓާއެކު ލިބެނީ 14 ވަނައެވެ. ލެސްޓާގެ ފަހަތުން ތާވަލުގެ ހަތަރުވަނައިގައި ޗެލްސީ އޮތީ 58 ޕޮއިންޓާއި އެކުގައެވެ. އަދި ގަދަ ހަތަރަކަށް އެންމެ ވާދަކުރާ ވެސްޓްހޭމް އޮތީ 5 ވަނައިގައި 55 ޕޮއިންޓާއިއެކުގައެވެ.