ޖަރުމަނު ކަޕުގެ ފައިނަލުގެ ފުރަތަމަ ޖާގަ އާރްބީ ލައިޕްޒިގް އިން ހޯދައިފިއެވެ.

ލައިޕްޒިގުން މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދީ ސެމީ ފައިނަލުގައި ވާޑާ ބްރެމެން އަތުން 1-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ނަތީޖާ ނެރެން ޖެހުނީ ފުރިހަމަވަގުތު ހަމަވީއިރު ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން އިތުރުވަގުތުގެ ދެހާފު ކުޅެގެންނެވެ.

ރަނގަޅު ފުރުސަތުތަކެއް ތަވަސްކޮށް ގިނަ ހަމަލާތަކެއް ދެޓީމުންވެސް ފުރަތަމަ 90 މިނެޓުގެ ތެރޭގައި އުފެއްދިނަމަވެސް މި ފުރުސަތުތަކުގެ ބޭނުން ދެޓީމަށްވެސް އެންމެ އެދެވޭގޮތުގައި ހިފިފައެއް ނުވެއެވެ.

ނޭވާ ހިފަހައްޓާލަންޖެހުނު އިތުރުވަގުތުގެ ފުރަތަމަ ހާފުގެ 3 ވަނަ މިނެޓުގައި ލައިޕްޒިގުން ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހްވާންގް ހީ ޗަން އެވެ. އެހެންނަމަވެސް އިތުރުވަގުތުގެ ފުރަތަމަ ހާފުގެ ފުރިހަމަވަގުތު ހަމަވެދެއްކި އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި ވާޑާ ބްރެމެން އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިޓެންކޯޓް އެވެ.

މެޗުން ލައިޕްޒިގް މޮޅުކޮށްދީ ފައިނަލުގެ ޖާގައެއް އެޓީމަށް ކަށަވަރުކޮށްދިން ލަނޑު އިތުރުވަގުތުގެ ދެހާފުގެވެސް ފުރިހަމަވަގުތުހަމަވެ ދެއްކި އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ފޯސްބާގެވެ. މިއީ އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ހީ ޗަން ތަނަވަސްކޮށްދިން ފުރުސަތަކުން ފޯސްބާގު ކާމިޔާބުކުރި ލަނޑެކެވެ.

މެޗުން ލައިޕްޒިގް މޮޅުވެ ފައިނަލްގެ ޖާގައެއް ކަށަވަރުކުރުމުން އެޓީމަށް ވަނީ ކޯޗް ހޫލިއަން ނަގެލްސްމަން އެޓީމު ދޫކޮށްލުމުގެ ކުރިން ބޮޑު މުބާރާތެއް ކާމިޔާބުކުރުމުގެ ފުރުސަތު ލިބިފައެވެ. ނަގެލްސްމަން ވަނީ ޖަރުމަނު ލީގުގެ ޗެމްޕިއަން ބަޔާން މިއުނިކާއެކު 5 އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންނަމަވެސް އޭނާ ލައިޕްޒިގް ދޫކޮށްލާނީ މި ސީޒަން ނިމުމުންނެވެ.