ވ. އާރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް، އެ ރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައި އެމަނިކުފާނުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މިމައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ނެގުމާއި، މަނީ ލޯންޑަރިންގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފިހަށް ވަނީ ފޮނުވާފައެވެ.

މި މައްސަލައިގައި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

މިމައްސަލައިގެ ތަހުގީގު ކުރިއަށްގެންގޮސްފައިވަނީ އާރަށް ވިއްކާލައިގެން ލިބުނު އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައިވާކަން އެމްއެމްޕިއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގެ ތަހުގީގުން ފާހަގަވެފައި ވުމުންނެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައާއި ގުޅިގެން މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ ހުކުމް ތަންފީޒު ކުރައްވަމުންނެވެ.

ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑަރ ކުރިކަން ރައީސް ޔާމީންގެ މައްޗަށް ސާބިތުވެ، އެކަމިނުފާނުގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމެއް އަދި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

އެހެންނަމަވެސް މާފުށި ޖަލުގައި ކޮވިޑް-19 ފެތުރުން އިތުރުވަމުންދާތީ މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޔާމީން ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.

ވޮޑަމުލާ މައްސަލައިގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައިވެސް މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލުކޮށްފައިވާކަން ފާހަގަކުރެވިފައިވާތީ މިކަމުގެ ދައުވާވެސް ރައީސް ޔާމީންގެ މައްޗަށް ވަނީ އުފުލާފައެވެ.

މި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިހާރު ފަށާފައިވާއިރު، މީގެ އިތުރުންވެސް ބައެއް އެހެނިހެން މައްސަލަތަކުގައި ސުވާލުކުރުމަށް އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުކުރަމުން ގެންދެއެވެ.