މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއަށް 357.3 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް ލިބިއްޖެއެެވެ.

ބީއެމްއެލްއިން އާންމު ކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓު ދައްކާގޮތުން އެމުއްދަތުގައި ބޭންކަށް ސާފުފައިދާގެ ގޮތުގައި 357.3 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މިއްދަތާއި އަޅާ ބަލާއިރު ގާތްގަނޑަކަށް 23 އިންސައްތައިގެ ކުރިއެރުމެކެވެ.

މި ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި ބޭންކަށް 537 މިލިއަން ލިބިފައިވާއިރު މިއީ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އާ އަޅާބަލާއިރު 25 އިންސައްތަ އިތުރު އަދަދެކެވެ.

މި ނަތީޖާ ހާސިލްކުރެވިފައިވަނީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާ ގުޅިގެންކަމަށް ބޭންކުން ބުނެއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްގެ ވިއުގަ ފުޅާކުރުމަށާއި މުޖުތަމައަށް އެހީތެރިވުމަށް މަސައްކަތްތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ބީއެމްއެލް އިން ވަނީ ކ. ގުރައިދޫ އާއި މ. މުލީގައި އަލަށް ސެލްފް ސަރވިސް ބޭންކިންގެ ހިދުމަތް ފަށާފައެވެ.

މި ކުއާޓަރގައި މުޖުތަމައަށް ފޯރުކޮށްދޭ އެހީގެ ދަށުން ބީއެމްއެލްއިން ވަނީ މާލީ ގޮތުން އެހީތެރިވުމަށް 5 ކޮމިއުނިޓީ ފަންޑު ޕްރޮޖެކްޓެއް ހޮވާފައެވެ.

މީގެ އިތުރުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ އަމަލުތަކުން އާންމުން ހޭލުންތެރިކަން އިތުރުކުރުވައި މިކަމުން ރައްކާތެރިކުރުމުގެ ގޮތުން ބޭންކުން ވަނީ "ސަމާލުވޭ" ގެ ނަމުގައި އައު ކެމްޕޭނެއްވެސް ކުރިއަށް ގެންގޮސްފައެވެ.

މި ނަތީޖާއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ލިބުނު ނަތީޖާއާ އެކު ކޮވިޑް-19 އާ ގުޅިގެން ލިބުނު ގެއްލުމުން އަރައިގަތުމުގައި ހާލަތު ރަނގަޅު ވަމުންދާކަމުގެ ނިޝާންތައް މިދަނީ ފެންނަމުން ކަމަށެވެ.

މީގެތެރޭގައި ކާޑުން ލިބޭ އާމްދަނީވެސް ހިމެނޭ ކަމަށާއި، މި ނަތީޖާއާ އެކުވެސް މިހާރުގެ ހާލަތުން އަރައިގަތުމަށް އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައިވެސް މަސައްކަތްތައް ބައްޓަންކުރާނީ ވިސްނުންތެރިކަމާއި ރޭވުންތެރިކަމާ އެކުކަމަށް ޓިމް ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 71ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 132 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝްއޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އެބޭންކުން ބުނެއެވެ.