މަސައްކަތްތެރިންގެ ބުރަ މަސައްކަތުން ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި އެކި ގޮންޖެހުންތަކުން އަރައިގަތުމުގައި ރަނގަޅު ނަތީޖާއެއް ދައްކުވައިދީފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. ރައީސްގެ ޓްވީޓުގައި ވަނީ ރާއްޖޭގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން އިގްތިސާދީ ގޮތުން ރާއްޖެއަށް ކުރިމަތިލާންޖެހުނު ގޮންޖެހުންތަކުން އަރައިގަތުމުގައި ވެސް މަސައްކަތްތެރިންގެ މަސައްކަތް ފާހަގަކުރެވުނު ކަމަށެވެ. މަސައްކަތްތެރިންގެ ބުރަ މަސައްކަތުގެ ނަތީޖާއިން ރާއްޖޭގެ އިގްތިސާދު އަނބުރާ ކޮޅަށް ޖެހުމުގައި ހެޔޮ ނަތީޖާތައް ފެންނަމުންދާކަމަސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސްގެ ޓްވީޓު ނިންމަވާ ލައްވާފައިވަނީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމުގައި ދެމިތިބޭނެކަމަށް ވިދާޅުވެއެވެ.

މީގު އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހުވެސް ވަނީ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ތަހުނިޔާގެ މެސެޖެއް ދެއްވާފައެވެ.

މި މެސެޖުގައި ރައީސް ނާސިހު ވަނީ ކޮވިޑް-19 ގެ މި ދަތި އުނދަގޫ ވަގުތުގައި ރައްޔިތުންނަށް ޚިދުމަތްކުރުމުގައި މަސައްކަތްތެރިން ކުރަމުންގެންދާ ބުރަ މަސައްކަތް ފާހަގަ ކުރައްވާފައެވެ.

އަދި ސިވިލް ސާވިސްގައި މަސައްކަތްކުރާ އެންމެހާ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް، ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުން ގެންދާނެކަމުގެ ޔަގީންކަން ވެސް ނާސިހު ވަނީ އަރުވާފައެވެ.

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަދި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވެފައިވީ ނަމަވެސް، މަސައްކަތުގެ މާހައުލުގައި ދިމާވާ އެކި އެކި ފުރައްސާރައާއި ގޯނާއާ ދެކޮޅަށް މިރޭ އެއްވުމެއް ބާއްވަން ވަނީ ނިންމާފައެވެ.