ޕެސިފިކު އޭޝިއާ ޓްރެވަލް އެސޯޝިއޭޝަން (ޕާޓާ) ގެ އެގްޒެކެޓިވް ބޯރޑަށް ޓުއަރިޒަމް މިނިސްޓަރ ޑރ. މައުސޫމް އިންތިޚާބު ކޮށްފިއެވެ.

ޕާޓާއަކީ ޓުއަރިޒަމް އިންޑަސްޓްރީގެ އަމިއްލަ ފަރާތްތަކާއި ގައުމުތަކުގެ ޓޫރިޒަމް އިދާރާތައް ބައިވެރިވާ، އޭޝިއާ ޕެސިފިކުގެ ފަތުރުވެރިކަން ދެމެހެއްޓެނިވިގޮތައް ކުރިއަރުވަން މަސައްކަތްކުރާ އިންޓަރނޭޝަނަލް ޖަމިއްޔާއެކެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ ޕާޓާގެ ވޯޓުލާ މެންބަރުންގެ މެދުގައި އޮންލައިންކޮށް ކުރިއަށްގެންދިޔަ ސިއްރު ވޯޓު ކާމިޔާބު ކުރައްވައިގެން، ޑރ. މައުސޫމް އެގްޒެކެޓިވް ބޯޑަށް އިންތިޚާބު ކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުން ފެށިގެން 2 އަހަރުގެ ދައުރަކަށް ކަމަށެވެ.

ކޮވިޑް ޕެންޑަމިކުން އަރައިގަތުމުގެ ގޮތުން ޕާޓާއިން ހިންގަމުން ގެންދާ ހަރަކާތްތަކުގައި ދިވެހި ސަރުކާރާއި ޓުއަރިޒަމް އިންޑަސްޓްރީގެ އަމިއްލަ ފަރާތްތައްދަނީ ބައިވެރިވަމުންނެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅުންހުރި މައުލޫމާތުތައް ދުނިޔެއަށް ހިއްސާކުރުމަށް ބޭއްވޭ ވެބިނަރތައް ފާހަގަ ކޮށްލެވެއެވެ.

ޕާޓާގެ ޕްރޮގްރާމްތައް ހިންގުމުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދޭ 32 ޗެޕްޓަރ ދުނިޔޭގެ ކަންކޮޅުތަކުގެ ހިމެނޭއިރު ޕާޓާ މޯލްޑިވްސް ޗެޕްޓަރގެ ޗެއަރ އަކީ ފަތުރުވެރިކަމުގެ ދާއިރާގައި އިސްދައުރެއް އަދާކުރައްވަމުން ގެންދަވާ، ޢަބްދުގިޔާސްއެވެ.

ޕާޓާގެ މިހާރުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. މާރިއޯ ހާރޑީގެ ދައުރު މިމަހު ނިމުމުން ދެން ޕާޓާގެ ސިއީއޯ އަކަށް ހަމަޖައްސަން ނިންމާފައިވާނީ ލިޒް އޯރޓިގިއުރާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޕާޓާގެ އެގްޒެކެޓިވް ބޯޑުގެ މިހާރުގެ ޗެއާއަކީ ސިންގަޕޫރުގެ އޭޝިއާޗައިނާ ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ ސޫންވާ ވޮންގއެވެ.