މި ހިނގާ 2021 ވަނަ އަހަރުގެ ފުރަތަމަ 4 މަހު ޒިޔާރަތްކުރީ 389،770 ފަތުރުވެރިންކަމަށް ޓުއަރިޒަަމް މިނިސްޓްރީން ބުނެފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ މާޗް މަހުގައެވެ. އެމަހު 109،585 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއި ރަޝިއާއިންނެވެ. އެގޮތުން މީގެން ކޮންމެ ގައުމަކުންވެސް 22.2 އިންސައްތަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.

މީގެއިތުރުން ޔޫކްރެެއިން އަދި ޖާމަނީއިންވެސް ގިނަ އަދަދެއްގެ ފަތުުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރުމަށް ހުއްދަދިންފަހުން މިހާތަނަށް 724 ތަނެއް ފަތުރުުވެރިންނަށް ހިދުމަތްދިނުމަށް ހުޅުވާލާފައިވެއެވެ.

މީގެތެރޭގައި ހިމެނެނީ 154 ރިސޯޓާއި، 422 ގެސްޓްހައުސް އަދި 137 ސަފާރީގެ އިތުރުން 11 ހޮޓެލްއެކެވެ. މިއީ 47،475 ބެޑް ކެޕޭސިޓީއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދެވޭނެ މުޅިއެކު 1،034 ތަނެއް އެބަހުއްޓެވެ. އެއީ 162 ރިސޯޓާއި، 700 ގެސްޓަހައުސް އަދި 159 ސަފާރީއާއި، 13 ހޮޓެލްއެވެ. މިއީ 53،937 ބެޑް ކެޕޭސިޓީއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 4 ލައްކައަށް އަރަން ގާތްކޮށްފައިވާއިރު، ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.