މި ދަނޑިވަޅުގައި އިންޑިއާއިން އެނބުރި އަންނަ އޮސްޓްރޭލިއާގެ ރައްޔިތުންނާއި، އޮސްޓްރޭލިއާގެ ވަޒަންވެރިންނަށް ހަރުކަށި އަދަބުތަކެއް ދިނުމަށް އޮސްޓްރޭލިއާ ސަރުކާރުން ކަނޑައަޅައިފިއެވެ.

އޮސްޓްރޭލިއާ ސަރުކާރުން އެކަށައެޅި އިމަޖެންސީ އުސޫލުގައި ބުނެފައިވަނީ، އިންޑިއާގައި ތިބި އޮސްޓްރޭލިއާގެ ރައްޔިތުންނާއި، ވަޒަންވެރިންގެ ތެރެއިން އަނބުރާ ގައުމަށް އަންނަ މީހުން، އޮސްޓްރޭލިއާއަށް އަންނަ ތާރީޚުގެ 14 ދުވަސްތެރޭ އިންޑިއާގައި އުޅެފައިވާނަމަ، އެފަދަ އެންމެން އޮސްޓްރޭލިއާއަށް އެތެރެވުމަށް ހުއްދަ ނުދެވޭނޭ ކަމަށެވެ.

މިއުސޫލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި މެއިމަހުގެ 3 ވާ ހޯމަދުވަހުން ފެށިގެންނެވެ.

ހަމައެއާއެކު، މި އުސޫލަށް ނުކިޔަމަންތެރިވާ މީހުން ޖޫރިމަނާކުރުން ނުވަތަ ޖަލަށް ލެވޭނޭ ކަމަށް އޮސްޓްރޭލިއާ ސަރުކާރުގެ އޮފިޝަލުން ވިދާޅުވެއެވެ.

ނުކިޔަމަންތެރިވާ މީހުން މަދުވެގެން 5 އަހަރަށް ޖަލަށް ލެވޭނޭ ކަމަށް އޮސްޓްރޭލިއާގެ ހެލްތު މިނިސްޓަރ ގްރެގް ހަންޓް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.

"ސަރުކާރުން މިނިންމުން ލުއިގޮތަކަށް ނުނަގާނެ. އޮސްޓްރޭލިއާގެ އާންމު ސިއްހަތާއި، ކަރަންޓީނު ނިޒާމު ހިމާޔަތްކޮށް، ކަރަންޓީނު ފެސިލިޓީތަކުން ފެންނަ ކޮވިޑް ކޭސްތައް މެނޭޖް ކުރެވޭ ވަރަށް ތިރިކުރުމަކީ އެންމެ މުހިންމު ކަންތައް"
ގްރެގް ހަންޓް

މިއީ، ބޭރު ގައުމެއްގައި އުޅެފައި އެނބުރި ގައުމަށް އައުމަކީ ޖިނާއީ ކުށެއް ކަމަށް އޮސްޓްރޭލިއާއިން ކަނޑައެޅި ފުރަތަމަ ފަހަރެވެ.

އޮސްޓްރޭލިއާއިން މިފިޔަވަޅު އެޅީ، އިންޑިއާގައި ކޮވިޑްބަލީގެ ހާލަތު ބޮއްސުންލައިގެން ގޮސްފައިވާތީ، އިންޑިއާއިން އޮސްޓްރޭލިއާއަށް އެއްވެސް މީހަކު އެތެރެވިޔަ ނުދިނުމަށެވެ.

މިފިޔަވަޅު މެއިމަހުގެ 15 އާ ހަމައަށް ދެމިއޮންނާނެ ކަމަށާއި، އެ ނިންމުން މުރާޖައާކުރާނީ އޭގެފަހުން ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.

ސަރުކާރުގެ މި ނިންމުމަށް އިންޑިއާ ދަރިކޮޅުގެ އޮސްޓްރޭލިއާ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ގެންދާއިރު، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގްރޫޕްތަކުން ބުނަމުންގެންދަނީ، ސަރުކާރުން ވިސްނަންވީ މީހުންނަށް އަދަބުދޭން ނޫން ކަމަށާއި، އަމިއްލަ ކަރަންޓީނު ނިޒާމު ރަނގަޅު ކުރުމަށް ކަމަށެވެ.

އިންޑިއާއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު މި ހަފްތާގައި ދެލައްކައިން މައްޗަށް ގޮސްފައިވާއިރު، މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު މިހާރުވަނީ 19 މިލިއަނާ ގާތްކޮށްފައެވެ.

މިއަދު އެކަނިވެސް އިންޑިއާއިން އަލަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ ހަތަރު ލައްކައިން މައްޗަށް ގޮސްފައެވެ. މިއީ، ދުނިޔޭގެ ރެކޯޑެކެވެ.