އެންމެ ކުޑަ އުޖޫރަ އަދިވެސް ކަނޑަނޭޅިއޮތުމަކީ މިކަން ކުރުމުގައި ސަރުކާރުގެ އިޚްލާސްތެރި ކަމެއް ނެތުމުން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިސަރުކާރު ވެރިކަމަށް އައީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ގިނަ ވައުދުތަކާއެކުގައި ކަމަށާއި އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަކީ މަސައްކަތްތެރިންނަށް މިސަރުކާރުން ވެފައިވާ އެންމެ ބޮޑު ވައުދު ކަމަށެވެ.

ނަމަވެސް މިސަރުކާރުގެ ވެރިކަމަށް ދެއަހަރާ ބައި ވާއިރު އެންމެ ކުޑަ އުޖޫރަ އަދިވެސް ކަނޑަނޭޅިއޮތުމަކީ މިކަން ކުރުމުގައި ސަރުކާރުގެ އިޚްލާސްތެރި ކަމެއް އަދި އަހައްމިއްޔަތު ކަމެއް ނެތްކަމެއްކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރެވޭއިރު ސަރުކާރުގެ އެކި ލެވެލްތަކުން ނެރުއްވާ ބަޔާންތަކާއި ދައްކަވާ ވާހަކަތަކަށް އަމަލީ ސިފައެއް ނުގެނެވޭތީ ކޯލިޝަނުން ކަންބޮޑުވޭ. ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސަރުކާރުން ވެފައިވާ ވައުދުތައް ވީހާވެސް އަވަހަކަށް ފުއްދާ ދިނުމަށް ގޮވާލަން. އަދި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި އެކަންކަމާ ގުޅުންހުރި ގާނޫނުތައް އަވަހަށް ފާސްކޮށް، ހަލުވި ސްޕީޑުގައި މަސައްކަތްކުރުމަށް ސަރުކާރަށް ގޮވާލަން."
އިދިކޮޅު ކޯލިޝަން

މަސައްކަތްތެރިންގެ ދުވަސް ބައްދަލުކުރާއިރު، ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ މަސައްކަތްތެރިންގެ ހައްގުތައް މިވަނީ ގެއްލިފައިކަން ފާހަގަކޮށް ކޯލިޝަނުގެ ބަޔާނުގައި ވަނީ އެތައް މަސައްކަތްތެރިންނެއްގެ ވަޒީފާތައް ގެއްލިފައިވާ ކަމަށެވެ.

މަސައްކަތްތެރި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާއަށް އިންސާފު ހޯދައިދިނުމުގައި ސަރުކާރުވަނީ ފޭލްވެފައި ކަމަށާއި ރިޒޯޓުތަކުގައި މަސައްކަތްކުރާ އެތައް މުވައްޒަފުންނެއް އަނބިދަރިން ކާރިއަށް ނުދެވި ވަޒީފާގެ ތަފާތުކުރުންތަކާ ހިތްދަތިކަމާ ކުރިމަތިލާންޖެހިފަވާ ކަމަށްވެސް ކޯލިޝަނުން ބުނެއެވެ.

ކޮވިޑް-19 ގެ ސަބަބުން އެންމެ ބޮޑު އަސަރަކާއި ހިތްދަތިކަމެއް ތަހައްމަލު ކުރަންޖެހިފައިވާ ބަޔަކީ ހަމަ ޔަގީނުންވެސް މަސައްކަތްތެރިން ކަމަށާއި އޭގެ ތެރޭގައި ދުވަހު މުސާރައަށް މަސައްކަތް ކުރާ ފަރާތްތަކާއި، އަމިއްލަ މަސައްކަތުން ދިރިއުޅެމުން ގެންދާ ފަރާތްތަކާއި، އަމިއްލަ ފަރާތްތަކާއި ކުންފުނިތަކާއި އަދި އެހެނިހެންވެސް ވަޒީފާތަކުގައި ތިއްބެވި އެތައް ރައްޔިތުންނެއްގެ ހައްގުތައް ގެއްލިފައިވާކަން ހިތާމައާއިއެކު އިދިކޮޅުން ވަނީ ފާހަގަކޮށްފައެވެ.