އިންޑިއާގެ 2 ހޮސްޕިޓަލެއްގައި މިއަދު ހިނގި ހާދިސާތަކެއްގައި 26 މީހުން މަރުވެއްޖެއެވެ.

އިންޑިއާ ގަޑިން މިއަދު މެންދުރުފަހުގެ ވަގުތެއްގައި، ވެރިރަށް ނިއުދިއްލީގައި ހުންނަ ބަޓްރާ ހޮސްޕިޓަލުން އޮކްސިޖަން ހުސްވެ 8 މީހުން ވަނީ މަރުވެފައެވެ.

މަރުވި މީހުންގެ ތެރޭގައި ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރަކުވެސް ހިމެނެއެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން ބަޓްރާ ހޮސްޕިޓަލްގެ މެޑިކަލް ޑިރެކްޓަރ ޑރ. ގުޕްތާ ވިދާޅުވީ، ހޮސްޕިޓަލުން 4 ނުވަތަ 5 ވަރަކަށް ގަޑިއިރަށް ވާރަށް މަދުވުމުން ހޮސްޕިޓަލުގެ ސްޓާފުން ގެންދިޔައީ ސަރުކާރުގެ ކަމާބެހޭ އިދާރާއަށް މެދުނުކެނޑި މެސެޖުކުރަމުން ކަމަށެވެ.

ހޮސްޕިޓަލުގައި 326 ބަލިމީހުން އެޑްމިޓްކޮށްފައި ތިބިއިރު އޭގެތެރެއިން 300 މީހުންނަކީ ކޮވިޑް ބަލިމީހުން ކަމަށާއި، އޭގެ ތެރެއިން 200 އަށްވުރެ ގިނަ ބަލިމީހުން ތިބީ އޮކްސިޖަންގެ ސަޕޯޓްގައި ކަމަށް ޑރ. ގުޕްތާ ވިދާޅުވިއެވެ.

ހޮސްޕިޓަލުން އޮކްސިޖަން ހުސްވާން ފެށުމުން، ފަހުވަގުތުކޮޅު އައިސީޔޫގައި ތިބި ބަލިމީހުންނަށް އިމަޖެންސީ ރިޒާވުން އޮކްސިޖަން ދެމުން ގެންދިޔައިރު، އެހެން ބަލިމީހުންނަށް ދެމުންގެންދިޔައީ ބަލިމީހުންގެ އާއިލާތަކުން ގެނައި އޮކްސިޖަން ކަމަށްވެސް ހޮސްޕިޓަލުން ބުނެފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ބަޓްރާ ހޮސްޕިޓަލުން އޮކްސިޖަން ހުސްވެގެން ނިއުދިއްލީ ސަރުކާރުން މީގެ ހަފްތާއެއް ކުރިންވެސް އިމަޖެންސީ އޮކްސިޖަން ފޯރުކޮށްދީފައި ވެއެވެ.

ނިއުދިއްލީގެ ހޮސްޕިޓަލެއްގައި އޮކްސިޖަން ނުލިބިގެން 8 މީހުން މަރުވިއިރު، ގުޖަރާތު ސްޓޭޓުގެ ހޮސްޕިޓަލެއްގައި ކޮވިޑް ބަލިމީހުންނަށް ފަރުވާދޭ އައިސީޔޫގައި ރޭ މެންދަމު އަލިފާން ރޯވެ 18 މީހުން މަރުވެފައި ވެއެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 16 ބަލިމީހުންނާއި، 2 ސްޓާފުންނެވެ.

ހޮސްޕިޓަލުގެ ސްޓާފުން ކުރި މަސައްކަތުން 31 ބަލިމީހުން ސަލާމަތް ކުރިއެވެ.

ޕަޓޭލް ވެލްފެއަރ ހޮސްޕިޓަލުގެ ގްރައުންޑް ފްލޯރގައި ހުންނަ އައިސީޔޫގައި ބަލިމީހުންނަށް ޚާއްސަ ވޯޑުގައި އަލިފާން ރޯވީ ކަރަންޓު ޝޯޓަކުން ކަމަށް މިހާތަނަށް ބެލި ބެލުންތަކުން އެނގިފައިވާ ކަމަށް ބައެއް އޮފިޝަލުން ވިދާޅުވާއިރު، އަލިފާން ރޯވީ އޮކްސިޖަން ސިލިންޑަރަކުން ލީކްވެގެން ކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެފައި ވެއެވެ.

އަލިފާނުގެ ހާދިސާގެ ސަބަބުން އައިސީޔޫ އެއްކޮށްވަނީ ހަލާކުވެފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ހޮސްޕިޓަލުގައި ހިނގި އަލިފާނުގެ ހާދިސާއާއި އަދި އެ ހާދިސާގައި އެތައް ބައެއްގެ ފުރާނަ ގެއްލިދިޔަ ކަމަށްޓަކައި ވަރަށްބޮޑު ހިތާމައެއް ލިބިވަޑައިގެންނެވި ކަމަށެވެ.

ނިމިގެންދިޔަ އޭޕްރީލްމަހުގެ 23 ވަނަ ދުވަހުވެސް މުމްބާއީގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި އަލިފާން ރޯވެ ކޮވިޑް ބަލިމީހުންގެ 13 މީހުން މަރުވިއެވެ.