ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުން ކްރިސްޓަލް ޕެލަސްގެ މައްޗަށް ކުރިހޯދާ މެންޗަސްޓަރ ސިޓީން ލީގު ޓައިޓަލް ހޯދުމާއި ގާތަށް ޖެހިލައިފިއެވެ.

ޕެލަސްގެ ދަނޑުގައި ކުޅުނު މިމެޗު ސިޓީން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ. މިއާއެކު އާދިއްތަ ދުވަހުގެރޭ މެންޗަސްޓަރ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރާ މެޗުން ޔުނައިޓެޑު ބަލިވެއްޖެނަމަ ސިޓީއަށް މި ސީޒަނުގެ ޕްރިމިއަރ ލީގު ކާމިޔާބުކުރެވޭނެއެވެ. އެހެންނޫންނަމަ ސިޓީއަށް ޓައިޓަލް ހޯދުމަށް އިތުރު އިންތިޒާރެއް ކުރަން ޖެހޭނެއެވެ. މި ސީޒަނުގެ ޕްރިމިއަރ ލީގް ސިޓީން ކާމިޔާބުކޮށްފިނަމަ މިއީ ފާއިތުވީ ހަތަރު ސީޒަނުގެ ތެރެއިން ސިޓީއަށް މި ޝަރަފު ލިބޭ ތިންވަނަ ފަހަރަށް ވާނެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ސިޓީއަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނުނަމަވެސް މުޅި މެޗަށް ބަލާލާއިރު އެޓީމުން ވަނީ ޖުމްލަ 20 ހަމަލާއެއް ގޯލާއި ދިމާލަށް ފޮނުވާލާފައެވެ. އެހެންނަމަވެސް ގޯލާއި އަމާޒުވާގޮތަށް ފޮނުާލެވިފައިވަނީ އެންމެ 3 ހަމަލާއެކެވެ. އެއާ ހިލާފަށް ޕެލަސް އިން 9 ހަމަލާއެއް އުފެއްދިއިރު އޭގެތެރެއިން 4 ހަމަލާއެއް ވަނީ ގޯލާއި އަމާޒުކޮށްލާފައެވެ.

ސިޓީ އާއި ޕެލަސް ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

މެޗުގެ ޕޮޒެޝަން 70 އިންސައްތަ އާއިއެކު ޑޮމިނޭޓް ކުރި ސިޓީން ދެލަނޑުވެސް ޖެހީ މެޗުގެ ދެވަނަ ހާފުގައި، ވަރަށް ގާތްގާތުގައެވެ. އެގޮތުން މެޗުގައި ސިޓީއަށް ލީޑުނަގައިދިން ލަނޑު 57 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއެރޯ އެވެ. އަދި ސިޓީން ލީޑު ފުޅާކުރި ލަނޑު އޭގެ ދެމިނެޓުފަހުން ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭސް އެވެ.

މި މޮޅާއެކު ސިޓީއަށް ތާވަލުގެ އެއްވަނައިގައި ވަނީ 13 ޕޮއިންޓުގެ ލީޑެއް ލިބިފައެވެ. އެގޮތުން 34 މެޗުން 80 ޕޮއިންޓު ސިޓީން ހޯދާފައިވާއިރު ދެވަނައިގައި އޮތް މެންޗަސްޓަރ ޔުނައިޓެޑަށް އެއްމެޗު މަދުންކުޅެ 67 ޕޮއިންޓު ވަނީ ލިބިފައެވެ. ސިޓީ އަތުން ބިލިވި ޕެލަސް އަށް 33 މެޗުން 38 ޕޮއިންޓާއިއެކު ލިބެނީ ތާވަލުގެ 13 ވަނައެވެ. ޕްރިމިއަރ ލީގުގައި ކޮންމެ ޓީމަކުންވެސް ސީޒަނެއްގައި 38 މެޗު ކުޅޭނެއެވެ.