ސަރުކާރުގެ ކެބިނެޓްގެ ބައެއް ވަޒީރުން ބަދަލުކުރުމާ ގުޅޭގޮތުން ކޯލިޝަންގެ ލީޑަރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރަހިމް މުހަންމަދު ސާލިހް ވަކިވަކިން މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަޒީރުންގެ މަޖިލީހަށް މާދަމާ ބަދަލުތަކެއް ގެންނަވާނެ ކަމުގެ ވާހަކަތަކާއި ގުޅިގެން ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ސަރުކާރު ހިންގުމުގައި ލަސްތަކެއް ހުންނަކަން ރައީސްއަށް ފާހަގަކުރެވިގެން ކެބިނެޓްގެ ބައެއް ވަޒީރުން ބަދަލުކުރުމުގެ ވިސްނުންފުޅު ރައީސް ގެންގުޅުއްވާ ކަމަށެވެ.

އެގޮތުން ކޯލިޝަންގެ ލީޑަރުންނާއި ރައީސް މިހާރު ގެންދަވަނީ ވަކިވަކިން ބައްދަލުކުރައްވައި މަޝްވަރާ ކުރައްވަމުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ވަޒީރުން ބަދަލުކުރާނީ މާދަމާ ކަމެއް ނުވަތަ ކޮން ވަގުތެއްގައި ކަމެއް އެހެން ދަންނަވާކަަށް ނޭނގެ. ރައީސް ގެންދަވަނީ މަޝްވަރާ ކުރައްވަމުން."
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު

ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވާނެކަމުގެ އިޝާރާތެއް ރައީސުލްޖުމްހޫރިއްޔާ އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ދެއްވާފައެވެ.

އެގޮތުން މިހާރު އެމަސައްކަތް ރައީސް ފައްޓަވާފަވާއިރު މައުލޫމާތު ލިބޭގޮތުގަ ރައީސް ވަނީ އެކަން ސަރުކާރު ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށްވެސް ސިޓީއަކުން އަންގަވާފައެވެ.

ރައީސްގެ ސިޓީފުޅުގައި، ވަޒީރުންނަށް ވަޒީރުކަމުގެ މަސްއޫލިއްޔަތު އަދާނުކުރެއްވޭކަމަށް ބަޔާންކޮށްފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ބައެއް މީޑިއާތަކުން، މަގާމު ގެއްލިވަޑައި ގަންނަވާ ވަޒީރުންގެ ނަންފުޅުތައް ހާމަ ކޮށްފައިވީ ނަމަވެސް، އެކަން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ހާމައެއް ނުކުރައްވައެވެ.