މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވި ކައުންސިލަރުންނާއި، މިހާރުގެ މާލޭ ސިޓީ ކައުންސިލުން ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުން ބޭއްވިކަން ހާމަކޮށް ޕްރޮގްރެސިވް ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ނާއިބް ރައީސް އަދި ހުޅުމާލެ ދާއިރާއަށް އަލަށް އިންތިޚާބުވި އިބްރާހިމް ޝުޖާޢު ވަނީ ޓްވީޓެއް ކުރައްވާފައެވެ.

ޝުޖާޢު ކުރެއްވި ޓްވީޓުގައިވަނީ މިއީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 11،25 އަދި 43 ވަނަ މާއްދާގެ ދަށުން ކައުންސިލަރުންގެ ދައުރު ބަދަލުވުމުގެ މަރުހަލާގެ ކަންކަން ތަންޒީމުކުރުމަށް އެކުލަވާލާފައިވާ އުސޫލުގެ ދަށުން މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

އަދި ބައްދަލުވުން އިންތިޒާމް ކޮށްދެއްވައި، ދެއްވި މައުލޫމާތާއި ބެހެއްޓެވި މެހެމާންދާރީއަށް މޭޔަރ ސިފާ މުހައްމަދުގެ އިތުރަށް ކައުންސިލްގެ ހުރިހާ މުވައްޒަފުންނަށް ނުހަނު އިޚްލާސްތެރިކަމާ އެކު ޝުކުރު ދަންނަވާ ކަމަށްވެސް ޝުޖާޢުގެ ޓްވީޓުގައިވެއެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތީޚާބުން، އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު މިމަހުގެ މެދުތެރޭ ބާއްވާނޭކަން އެލްޖީއޭއިން މީގެކުރިން ވަނީ ހާމަކޮށްފައެވެ.

ކައުންސިލަރުން ހުވާ ކުރާނެ ތާރީޚު އަދި އިއުލާނު ނުކުރި ނަމަވެސް މި ތާރީޚު ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް އެލްޖީއޭއިން ވަނީ ބުނެފައެވެ.