ރޭގައި މާލޭގައި ކުރި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި މައްސަލަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމްޑީޕީ) އިންވެސް ކުށްވެރިކޮށްފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ ރޭގައި މާލޭގައި ޒުވާނުންތަކެއް ކުރި ސުލްހަވެރި މުޒާހަރާއެއްގެ ބައިވެރިންނަށް އަމާޒުކޮށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، އެމީހުންގެ ތެރެއިން ބައެއް މީހުންގެ ލޮލަށް ކައިރިމިނުން ޕެޕަރ ސްޕްރޭ ޖަހައި ފުލުހުން ހިންގި އަމަލާމެދު އެ ޕާޓީން ކަންބޮޑުވުން ފާޅުކޮށް، އެކަން ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ.

އަދި މިމައްސަލަ ބަލައި ފިޔަވަޅުއެޅުމަށް ކަމާބެހޭ މުވައްސަސާތަކަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

ސުލްހަވެރިކަމާއެކު ރޭގައި މުޒާހަރާކުރި މީހުން އަޑުއުފުލަމުން ގެންގޮސްފައިވަނީ މަސައްކަތްތެރިންގެ ހައްގުތަކާ މެދުގައާއި އަދި މަސައްކަތުގެ މާހައުލުގައި ކުރާ ޖިންސީ ފުރައްސާރައާ ދެކޮޅަށްކަން ފާހަގަކޮށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ، މިފަދަ ކަންކަމުގައި ސުލްޙަވެރިކަމާއެކު އަޑުއުފުލުމަށާއި ޚިޔާލުފާޅުކުރުމަށް ހުރަސްއަޅައި، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމަކީ އެ ޕާޓީން އަބަދުވެސް ދެކޮޅުހަދާ ކަމެއް ކަމަށެވެ.

ސުލްހަވެރިކަމާއެކު މުޒާހަރާކޮށް އަޑުއުފުލުމުން، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، އަދި ތަޅައި އަނިޔާވެރިވުމަށްފަހު ޖަލަށްލުމުން ލިބޭ ވޭނާއި އަނިޔާ އެންމެ ބޮޑަށް ތަކުރާރުކޮށް ތަހައްމަލުކުރި ބަޔަކަށް އެ ޕާޓީގެ މެމްބަރުން ވީހިނދު، މިފަދަ އަމަލުތަކާ ދެކޮޅުހެދުމުގައި އެ ޕާޓީ އަބަދުވެސް ދެމިއޮންނާނެ ކަަމަށް ބަޔާނުގައިވެއެވެ.

އަދި އެ ޕާރޓީ ބިނާވެގެންވާ އަސާސްތަކަކީ އެއްވެއުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދިފާއުކުރުމާއި އަނިޔާވެރިވުމާއި ދެކޮޅުހެދުމުގެ މައްޗަށް ކަމަށާއި ޑިމޮކްރެޓިކް ވެރިކަމެއްގައި ފުލުހުންގެ ޚިދުމަތް ވާންޖެހޭނީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުމުގެ ވިސްނުމުގެ މައްޗަށް ތަމްރީނުލިބިފައިވާ ޕްރޮފެޝަނަލް ޚިދުމަތަކަށް ކަމަށް ދެކޭކަމަށް އެމްޑީޕީން ބުނެއެވެ.

ފުލުހުން ގާނޫނާ ޚިލާފުވާ ހާލަތްތަކުގައާއި ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރާ ހާލަތްތަކުގައި ޖަވާބުދާރީ ކުރުވޭ، ރައްޔިތުންނަށް އިތުބާރުހިފޭ ބަޔަކަށް ފުލުހުން ވާންޖެހޭނޭކަމަށް ގަބޫލުކޮށް، އެކަމަށް ޕާޓީން ބާރުއަޅަން. މި ޕާރޓީގެ ސިޔާސަތާ އެއްގޮތަށް މިކަންކަން ކަށަވަރުކުރުމަށް ފުލުހުންގެ ގާނޫނަށް މިހާރު ވާނީ ބޮޑެތި ބަދުލުތަކެއް ގެނެސްފައިކަން ފާހަގަކުރަން."
އެމްޑީޕީގެ ބަޔާން

ރޭގައި ފުލުހުން ހިންގި އަމަލާމެދު ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދާކުރުމުގެ ގޮތުން މަޖިލީހަށް އެމައްސަލަ ހުށަހަޅާފައިވާކަން ފާހަގަކޮށް އެމްޑީޕީގެ ބަޔާނުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީއަށް ހުށަހަޅުއްވާފައިވާކަން ފާހަގަކޮށްފައި ވެއެވެ.