ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހު ނިއުކާސަލް އަތުން އާސެނަލް މޮޅުވެއްޖެއެވެ. ރަށުން ބޭރުގައި ކުޅުނު މިމެޗުން އާސެނަލް މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ.

އާސެނަލްގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެޓީމުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއް ކާމިޔާބުކޮށް ލީޑުނަގާފައެވެ. މިލަނޑު ފުރަތަމަ ހާފުގެ 5 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމަށް ކުޅޭ މިސްރު މިޑްފީލްޑަރު މުހައްމަދު އެލްނެނީ އެވެ. މިއީ އިތުބާރު ފޯވާދް އޮބަމަޔަންގ ތަނަވަސްކޮށްދިން ފުރުސަތަކުން އެލްނެނީ ކާމިޔާބުކުރި ލަނޑެކެވެ.

މިހާފުގައި އިތުރު ލަނޑެއް ކާމިޔާބުނުކުރެވުނު ނަމަވެސް އާސެނަލް އިން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެހެންނަމަވެސް އެޓީމުން ލީޑު ފުޅާކުރީ ދެވަނަ ހާފުގައެވެ.

މާޓިނެލީގެ އެހީތެރިކަމާއިއެކު ދެވަނަ ހާފުގެ 21 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުޖެހުމަށް އެލްނެނީއަށް ފުރުސަތު ތަނަވަސްކޮށްދިން އޮބަމަޔަންގ އެވެ.

މި މޮޅާއެކު އާސެނަލުން ވަނީ ޕޮއިންޓް ތާވަލުގެ 9 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އެގޮތުން އެޓީމަށް 34 މެޗުން 55 ވަނީ ލިބިފައެވެ. އާސެނަލް އަތުން ބަލިވި ނިއުކާސަލް އޮތީ ތާވަލުގެ 17 ވަނައިގައި 34 މެޗުން 36 ޕޮއިންޓާއިއެކުގައެވެ. ތާވަލުގެ އެއްވަނައިގައި މެންޗަސްޓަރ ސިޓީ އޮތީ 34 މެޗުން 80 ޕޮއިންޓާއިއެކުގައެވެ.

އާސެނަލް އަށް ކުރިއަށްދެން އޮތީ ޔޫރަޕާ ލީގުގެ ސެނޫ ފައިނަލުގައި ސްޕެއިންގެ ވިލަރެއާލް އާއި ދެކޮޅަށް ކުޅޭ ދެވަނަ ލެގުގެ މެޗެވެ. މި ދެޓީމު ކުޅުނު ފުރަތަމަ ލެގުން 1-2 ގެ ނަތީޖާއަކުން ކުރިހޯދީ ވިލަރެއާލް އެވެ.