އަވަށްޓެރި އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު ގޯސްވުމާ ގުޅިގެން ފިލްމީ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކު އިންޑިއާގެ ކޮވިޑް ހާލަތުން ސަލާމަތް ކުރެވޭތޯ އެހީ ފޯރުކޮށްދިނުމަށް އަތުކުރި އޮޅާލައިފިއެވެ.

ބައެއް ފަރާތްތަކުން އެމީހުންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް އެހީ ހޯދާނެގޮތްތަކާއި ކޮވިޑް ވެކްސިން ޖެހުމާދޭތެރޭ މީހުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ކުރަމުން އަންނައިރު ބައެއް ތަރިންވަނީ ކޮވިޑް ބައްޔަށް ފަންޑް ހޯދުމުގެ މަސައްކަތް ފަށާފައެވެ. ތިރީގައި މިހިމަނާލަނީ މިފަދަ ބައެއް ތަރިންގެ މަސައްކަތާބެހޭ ކުރު ތަފްސީލެވެ.

ޕްރިޔަންކާ ޗޯޕްރާ

ދާދިފަހުން ބަތަލާ ޕްރިޔަންކާވަނީ އޭނާގެ އަމިއްލަ ޤައުމަށް ދިމާވެފައިވާ ހިތާމަވެރި މިދަނޑިވަޅުން ސަލާމަތްވުމަށް ބޭރުގައިހުރެ ގިނަ ބައެއްގެ އެހީއަށް އެދިފައެވެ.

އޭނާގެ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް އާއްމުންނާ ހިއްސާކޮށްފައިވާ ވީޑިއޯ މެސެޖެއްގައި ޕްރިޔަންކާ ބުނެފައިވަނީ، ސޯޝަލް މީޑިއާ ޕްލެޓްފޯމް މެދުވެރިކޮށް 10 ޑޮލަރުގެ އެހީއެއް ވެވުނަސް އެދެވެނީ ވަރަށްބޮޑު އެހީއެއް ކަމަށެވެ. ގިވް އިންޑިއާއާއި ގުޅިގެން ބަތަލާ ޕްރިޔަންކާ ކުރިއަށްގެންދާ ފަންޑްރައިޒިންގް ހަރަކާތަށް ލިބޭ ހުރިހާ ފައިސާއެއްވެސް ހަދިޔާކުރުމަށް ނިންމާފައިވަނީ ކޮވިޑްބަލިން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތަކަށެވެ.

ޕްރިޔަންކާގެ ފިރިމީހާ މަޝްހޫރު މިއުޒީޝަން ނިކް ޖޯނަސްގެ އެހީވެސް ފަންޑަށް ލިބިފައިވާކަން ފާހަގަކުރަމުން ޕްރިޔަންކާ ބުނެފައިވަނީ ގިނަ ބަޔަކު މިފަންޑަށް އެހީ ފޯރުކޮށްދީފިނަމަ އިންޑިއާއަށް ދިމާވެފައިވާ ބަލިމަޑުކަމުން އަރައިގަންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެކެވެ. އެގޮތުން އެންމެ ދެ ދުވަސްތެރޭ މިފަންޑަށްވަނީ ފަސްލައްކަ ޔޫއެސް ޑޮލަރުގެ އެހީ ލިބިފައެވެ.

އަކްޝޭ ކުމާރު

މިވަގުތު ހިންދީ ސިނަމާގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކްޓަރު ދާދިފަހުންވަނީ ކުރީގެ ކްރިކެޓް ކުޅުންތެރިއެއް ކަމަށްވާ ގޯތަމް ގަމްބިރް ފައުންޑޭޝަނަށް 1 ކުރޯޑް އިންޑިއަން ރުޕީސް ހަދިޔާކޮށްފައެވެ.

އެއީ ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ އިތުރުން ކޮވިޑް ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ބޭނުންވާ ސިއްހީ ސާމާނުތަކާއިއެކު އޮކްސިޖަން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.

މީގެއިތުރުންވެސް އަކްޝޭގެ އަންހެނުން ޓްވިންކަލް ކަންނާއާ ދެމީހުންވަނީ 100 އޮކްސިޖަން ކޮންސެންޓްރޭޓަރސް އިންޑިއާއަށް ހަދިޔާކޮށްފައެވެ.

އަޔުޝްމާން ކުރާނާ

އެކްޓަރު އަޔުޝްމާން ކުރާނާއާ އޭނާގެ އަންހެނުން ތާހިރާ ކަޝްޔަޕްވަނީ އިންޑިއާގެ މަހަރަޝްތްރާގެ ޗީފް މިނިސްޓަރުގެ ފަރާތުން ހުޅުވާލާފައިވާ ރިލީފް ފަންޑަށް އެހީތެރިވުމަށް ނިންމާފައެވެ.

މި ރިލީފް ފަންޑުގެ މައިގަނޑު މަސައްކަތަކީ ކޮވިޑް ބަލީގައި އެހީއަށް ޖެހިފައިތިބި މީހުންނަށް ބޭނުންވާ އެހޯ ފޯރުކޮށްދިނުމެވެ.

އަޔުޝްމާން އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ އެނައުންސްމެންޓްގައި ބުނެފައިވަނީ ވޭތުވެދިޔަ އަހަރުންފެށިގެން އިންޑިއާގެ އިތުރުން މުޅި ދުނިޔެވެސްދަނީ ވޭންދެނިވި ހިތާމަވެރި ދުވަސްތަކެއް ތަހައްމަލު ކުރަމުންނެވެ.

މިފަދަ ދަނޑިވަޅެއްގައި އެއްބަޔަކު އަނެއްބައެއްގެ އެހީއަކީ ވަރަށް މުހިއްމު އެއްޗެއްކަމާއި އެކަކު އަނެކަކަށް ބޭނުންވާ ލޯތްބާއި އަޅާލުން ދިނުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް އެކްޓަރުވަނީ ބުނެފައެވެ. އެހެންވެ އެދެމަފިރިންނަށްވެސް ވެވެންއޮތް އެހީއެއް މިހާލަތުގައި ދޭން ތައްޔާރަށް ތިބިކަމަށް ދެފަންނާނުންވެސް ވަނީ ބުނެފައެވެ.

ކިރަން ޚޭރް

ދާދިފަހުން ލޭގެ ކެންސަރުގެ ޝިކާރަކައަށްވެ މިހާރުވެސް އެބައްޔަށް ފަރުވާ ހޯދަމުން އަންނަ ބަތަލާ އަދި ސިޔާސީ ލީޑަރު ކިރަން ޚޭރްވަނީ ކޮވިޑް ބަލި ތަހައްމަލު ކުރަމުންދާ ބަލިމީހުންނަށް 1 ކްރޯޑް އިންޑިއަން ރުޕީސްގެ ވެންޓިލޭޓަރު ގަނެ ކޮވިޑް ފަންޑަށް ހަދިޔާކޮށްފައެވެ.

ކޮވިޑްގެ 2 ވަނަ ރާޅެއް އިންޑިއާގެ ރައްޔިތުން ތަހައްމަލު ކުރަމުންދާއިރު ވަރަށް ގިނަ ހިސާބުތަކުންވަނީ ބަލިމީހުންނަށް ބޭނުންވާ އޮކްސިޖަން ސިލިންޑަރު ތަކާއެކު ސިއްހީ ދާއިރާއަށް ބޭނުންވާ ސާމާނުތައް އެއްކޮށް ހުސްވެފައެވެ.

އިންޑިއާގެ ޗަންދިގަރުގެ ޕާލަމަންޓް މެމްބަރުގެ މިއަމަލުގެ ސަބަބުން އެންމެބޮޑު އުފަލެއް ލިބިގެންދިޔައީ ފިރިމީހާ އެކްޓަރު އަނޫޕަމް ޚޭރްއަށެވެ. އެއީ މިހާރުވެސް ބޮޑު ބައްޔެއްގެ ވޭން ތަހައްމަލު ކުރަމުންވެސް ކިރަން ޚިޔާރުކުރީ އާއްމުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށް ކަމަށްވާތީއެވެ.

ސޯނޫ ސޫދު

ކޮވިޑްގެ ބަލިމަޑުކަން ފެތުރުނީއްސުރެންވެސް އެކްޓަރު ސޯނޫ ސޫދު ދިޔައީ އޭނާއަށް ވެވެން އޮތް އެހީތެރިކަމެއް ބޭނުންޖެހިފައި ތިބި ފަރާތްތަކަށް ފޯރުކޮށް ދެމުންނެވެ.

ދާދިފަހުން އެކްޓަރުވަނީ "އިންޑިއާ ފައިޓްސް ވިތް ކޮވިޑް" ނަމުގައި މޮބައިލް އެޕްލިކޭޝަނެއް ލޯންޗުކޮށްފައެވެ.

މިޗެނަލް މެދުވެރިކޮށް ފަސޭހައިން އެހީއަށް ބޭނުންވާ ފަރާތްތަކަށް ހޮސްޕިޓަލް، ބޭނުންވާ ބޭސްތައް އަދި އޮކްސިޖަންގެ އެހީ ފޯރުކޮށްދެވޭނެއެވެ. އަދި ސޯނޫ ސޫދުގެ ޓީމަށްވެސް މިއެޕްލިކޭޝަންގެ ޒަރީއާއިން ގުޅޭނެއެވެ.

އެކްޓަރު ސޯނޫ ސޫދުވެސްވަނީ ކޮވިޑް ބައްޔަށް ޕޮޒިޓިވްވެ ދާދިފަހުން ބަލިން ފަސޭހަވެފައެވެ.

ސަލްމާން ޚާން

އެކްޓަރު ސަލްމާން ޚާންއަކީ ވަރަށް ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދީ ޚާއްސަކޮށް ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަބަދުވެސް އެހީވާ ފަންނާނެކެވެ.

ކޮވިޑް ބަލިމަޑުކަމާ ގުޅިގެން އެކްޓަރުވަނީ މުމްބާއިގެ ސިއްޙީ ދާއިރާގެ ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ކާބޯތަކެތި ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ.

އެގޮތުން ކާތަކެތި ގެންގޮސްދިނުމަށް ޚާއްސަ ފުޑް ޓްރަކްތަކެއް ތައްޔާރުކޮށްދީ ޚާއްސަ ކިޓްތަކަކާއެކުވަނީ މިކަން އިންތިޒާމްކޮށްފައެވެ.

ސަލްމާންގެ މިޓީމުން ކާބޯތަކެތި ބަންދުކުރުމުގެ އެކްޓަރު ކާއެއްޗެހި ޓެސްޓްކުރާ ކަމަށްވެސްވެއެވެ.

މުމްބާއިގެ ޖުހޫގެ އިތުރުން ކައިރި އެހެން ސަރަހައްދުތަކަށްވެސް ސަލްމާންގެ މިފުޑް ޓްރަކްތައް ދާނެކަމަށް ޚަބަރުލިބެއެވެ.

ޝިލްޕާ ޝެޓީ

ބަތަލާ ޝިލްޕާ ޝެޓީވަނީ މިފަދަ ބަލިމަޑުކަމެއް ތަހައްމަލު ކުރަމުންދާ ދަނޑިވަޅެއްގައި ގިނަ ބަޔަކު އެންމެބޮޑަށް ތަހައްމަލު ކުރަމުންދާނެ އެއްކަމަކީ ބަނޑުހައިހޫނުކަން ކަމަށްބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޝިލްޕާވަނީ "ރިޕޯޓް ހަންގަރ-ކާނާ ޗާހިޔޭ ފައުންޑޭޝަން" ނަމަކަށް ކިޔާ ޕްލެޓްފޯމަކާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ކާތަކެތި ފޯރުކޮށްދިނުމުގެ އިތުރުން ކާނާ ތައްޔާރުކުރުމަށް ބޭނުންވާ ކާޑުގެ ބާވަތްތައް އެފަރާތްތަކަށް ލިބޭނެ އިންރިޒާމް ހަމަޖައްސާފައެވެ.

އަޖޭ ދޭވްގަން

އެކްޓަރު އަޖޭ ދޭވްގަންވަނީ އަޖޭގެ ޓީމްގެ އެހީއާއެކު މުމްބާއިގެ މަޝްހޫރު ޝިވާޖީ ޕާރކްގައި 20 ބަލިމީހުންގެ އެނދާއެކު ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސާފައެވެ.

ހަމައެއާއެކު މިޕާކު މުޅީން ހޮސްޕިޓަލެއްގެ ސިފައަށް ބަދަލުކޮށް އައިސީޔޫގައި ފަރުވާ ދޭންޖެހޭ ފަރާތްތަކަށް އެފަރުވާ ލިބޭނެ އިންތިޒާމްވެސްވަނީ ހަމަޖައްސާފައެވެ.