11 އަހަރަށްފަހު އިންޓާ މިލާނުން އިޓާލިއަން ލީގު ނުވަތަ ސެރިއާ އޭ ގެ ޓައިޓަލް ކާމިޔާބުކޮށްފިއެވެ.

އިންޓާ އަށް ޓައިޓަލް ކާމިޔާބުވީ އާދިއްތަ ދުވަހު ކުޅުނު މެޗުން ލީގު ޕޮއިންޓް ތާވަލުގެ ދެވަނައިގައި އޮތް އެޓަލާންޓާ އާއި ސަސުއޯލޯގެ ކުރިމަތިލުން އެއްވަރުވުމާއި ގުޅިގެން ތާވަލުގެ އެއްވަނައިގައި 13 ޕޮއިންޓުގެ ލީޑެއް ލިިބުމުންނެވެ.

އެގޮތުން އިންޓާ އަށް 34 މެޗުން 82 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އެޓަލާންޓާ އަދި ތިންވަނައިގައި އޭސީ މިލާންވެސް އޮތީ 34 މެޗުން 69 ޕޮއިންޓާއި އެކުގައެވެ. ލީގުގައި މި ތިންޓީމަށްވެސް ބާކީ އޮތީ އެންމެ ހަތަރު މެޗެވެ. އެހެންކަމުން މީގެން އެއްވެސް ޓީމަކަށް ޕޮއިންޓުގެ ގޮތުން އިންޓާ އާއި އަރާ ހަމައެއް ނުކުރެވޭނެއެވެ.

ސަސުއޯލޯ އާއި އެޓަލާންޓާ ބައްދަލުކުރި މެޗުގެ ތެެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

ސަސުއޯލޯގެ ދަނޑުގައި ކުޅުނު މިމެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ އެޓަލާންޓާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރޮބިން ގޯސެންސްއެވެ. އަދު ސަސުއޯލޯ އިން ނަތީޖާ ހަމަހަމަކުރި ލަނޑު ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީ އަކުން 52 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑޮމެނިކޯ ބެރާޑީ އެވެ.

އިންޓާއިން ލީގު ކާމިޔާބުކުރުމާއި އެކު މިއީ ފާއިތުވީ 9 އަހަރު ތެރޭގައި ޔުވެންޓަސް ނޫން ޓީމަކަށް ޓައިޓަލް ލިބުނު ފުރަތަމަ ފަހަރުވެސް މެއެވެ. އިންޓާއިން އެންމެ ފަހުން ލީގު ކާމިޔާބުކޮށްފައިވަނީ 2010 ވަނަ އަހަރު، ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުންނެވެ. އެއަހަރުގެ ސީޒަނުގެ ޗމެޕިއަންސް ލީގުވެސް ކާމިޔާބުކުރީ އިންޓާ އިންނެވެ. މިއީ އިންޓާ އިން ލީގު ޓައިޓަލް ހޯދި 19 ވަނަ ފަހަރެވެ.

މިއީ މިހާރު އިންޓާގެ ކޯޗުކަމާއި ހަވާލުވެގެން ހުރި އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން ކުޅެމުން އައި ޓީމެއް ސެރިއާ އޭ ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ. އޭނާ ވަނީ 2011 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާއި ހަމައަށް ޔުވެންޓަސް އާއިއެކު ތިން ފަހަރަށް ލީގު ޓައިޓަލް ކާމިޔާބުކޮށްފައެވެ. ކޮންޓޭ ވަނީ ޗެލްސީ އާއިއެކު 2017 ވަނަ އަހަރު ޕްރިމިއަރ ލީގުވެސް ކާމިޔާބުކޮށްފައެވެ.