ބަތަލާ ކަރިޝްމާ ކަޕޫރު އަދި ކަރީނާ ކަޕޫރުގެ ބައްޕަ ކުރީގެ މަޝްހޫރު އެކްޓަރު ރަންދީރް ކަޕޫރު ކޮވިޑް-19 އަށް ޕޮޒިޓްވެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

މުމްބާއީގެ ކޮކީލާބެން އަމްބާނީ ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައިވާ އެކްޓަރަށް ކޮވިޑްބަލި ދާދިފަހުން ޖެހިފައިވާއިރު އޭނާވަނީ ކޮވިޑް ވެކްސިންގެ ދެޑޯޒްވެސް ފުރިހަމަ ކޮށްފައެވެ.

މައުލޫމާތު ލިބޭގޮތުގައި ރަންދީރް ކަޕޫރް އައިސީޔޫއަށް ބަދަލުކޮށްފައިވަނީ އޭނާގެ އުމުރާއި އަދި ސިއްހީ ހާލަތަށް ބަލާފަ ހަދަންޖެހޭ އިތުރު ޓެސްޓްތަކެއް ކުރުމަށެވެ.

ރަންދީރު އިންޑިއާގެ ހިންދުސްތާން ޓައިމް ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ އޭނާއަށް ކޮވިޑްބަލީގައި އާއްމުކޮށް ގިނަ ބަޔަކު ތަހައްމަލުކުރާ ނޭވާއަށް އުނދަގޫވުމުގެ އެއްވެސް މައްސަލައެއް މިހާތަނަށް ދިމާވެފައި ނުވާ ކަމަށެވެ.

"އަހަންނަށް ކޮވިޑްބަލި ޖެހުނީ ކިހިނެއްކަން ޚުދު އަހަންނަށްވެސް ނޭނގޭ" ރަންދީރު ކަޕޫރު

ރަންދީރް ކަޕޫރުއާއެކު އޭނާގެ ގޭގައި މަސައްކަތްކުރާ 5 މުވައްޒަފަކުވެސްވަނީ މިބައްޔަށް ޕޮޒިޓްވެފައެވެ.

ރަންދީރްއެކޭ އެއްގޮތަށް އެމީހުންވެސް ވަނީ ކޮކީލާބެން އަމްބާނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށާފައެވެ.

ރަންދީރް އާއިލާގެ މެމްބަރުންގެ ތެރެއިން އަންހެނުން ބަބީތާ އަދި ދެ އަންހެން ދަރިންކަމަށްވާ ކަރިޝްމާ ކަޕޫރާއި ކަރީނާ ކަޕޫރުވަނީ ކޮވިޑަށް ނެގެޓިވްވެފައެވެ.

ރަންދީރްގެ އިތުރުންވެސް ހިންދީ ސިނަމާގައި މަސައްކަތްކުރާ ގިނަ ފަންނާނުންނާއި އާއިލާގެ މެމްބަރުންވަނީ ކޮވިޑަށް ޕޮޒިޓިވްވެ ބައެއް ތަރިންވަނީ ކޮވިޑް ބަލީގައި މަރުވެފައެވެ.

ދާދިފަހުން މިއުޒީޝަން ޝްރަވަން މިބަލީގައި މަރުވެފައިވާއިރު ގިނަ ފިލްމުތަކުން ފެންނަ މޫނެއް ކަމަށްވާ ކުރީގެ އިންޑިއަން އާރމީ އޮފިސަރު ބިކްރަމްޖީތް ކަންވަރްޕަލްވެސް ވަނީ އިއްޔެގެ ވަގުތެއްގައި ކޮވިޑް ބައްޔަށް ފަރުވާދެމުންދަނިކޮށް މަރުވެފައެވެ.

އުމުރުން 52 އަހަރުގެ ބިކްރަމްޖީތްއަކީ ހިންދީ ގިނަ ފިލްމުތަކާއި ޓީވީ ސީރިއަލްތަކާއެކު ވެބް ސީރީސްތަކުން ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އެކްޓަރެކެވެ.