* ތިރީގައި މިވަނީ ޢަބްދުލް ޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) ލިއުއްވާފައިވާ މަޒްމޫނެކެވެ.
****
(25 އޭޕްރީލް 2021 އާ ގުޅޭ)
އެހެން ބަސްބަހެކޭ އެއް ފަދައިން ދިވެހިބަހުގެ އަދަބު ވެސް ފެށިގެން އައީ ވަކި މިވެނި ތާރީޚެއްގައޭ ދެންނެވޭކަށް ނެތެވެ. ދިވެހި އަދަބިއްޔާތަކީ ވެސް މާ ހަގު އެއްޗެއްނޫނެވެ. އެންމެ އިހުގެ ލިޔުންތަކުގެ ގޮތުގައި ބެލެވެނީ މަހާނަ ގާތަކާއި ލޯމާފާނުތަކާއި މިސްކިތްމިސްކިތުގެ އެތެރޭގައި ހުރި ބެރިބެރީގައި ލިޔެފައި ހުރި ލިޔުންތައްކަމަށް ވިޔަސް، ޅެންވެރި އަދަބުތެރެއިން ލިޔެވި ފެންނަން އޮތް އެންމެ ދުވަސްވީ އަދަބީ ލިޔުމަކީ މީލާދީން 1150 ގެ ތެރޭގައި އުފަންވި "ބޮޑު ތާހީދު"ކަމުގައިވިޔަސް އޭގެ މާ ކުރިއަށް ދިވެހި އަދަބު ގޮސްފައިވާކަން އެކިއެކި ނާޑުކަތާތަކުން ހާމަވެއެވެ. ބޮޑުގޮހޮޑާ ވާހަކައާއި ރަންނަމާރި ވާހަކައާއި ސަފަރުކަތްދަ ވާހަކަ ފަދަ އެތައް ވާހަކަތަކެއް، ދޫދޫ މަތިން ކިޔައި، މި ހިސާބަށް ގެނައީ ދިވެހި އަނގަބަހުގެ އަދަބެވެ. ބުރުނީ ކަމަނާ ރައިވަރާއި ވާހަކަ (ފަހުން ވާހަކައެއްގެ ގޮތުގައި ލިޔެވިފައިވާ "ދޮންހިޔަލައާއި އަލިފުޅު") އާއި ދޮން މޮހޮނުވާހަކައާއި މަހަބަދި ކަލޯ ވާހަކަ ފަދަ ކިތަންމެ ވާހަކައެއް ދިވެހިން ދޫދޫ މަތީން ވާރުތަކުރަމުން މި ޒަމާނަށް ވާސިލުކުޅައީ ދިވެހިބަހުގެ އަދަބީ ބާރުގައެވެ. އެހެން ވީއިރު، ދިވެހި ޅެންބަހުރުވައިގެ އަދަބު، ދިވެހިބަހުގެ އެންމެ އިހަށް ވާޞިލުވާނޭކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ.
ދިވެހީންނަކީ އެބައިމީހުންގެ ދަރީން ހަރުދަނާ ސުލޫކަކާއި ރީތި އަޚުލާޤަކާއެކު ތަރުބިޔަތުކުރި ހަރުދަނާ އަބުރުވެރި ބަޔެކެވެ. މި ކާމިޔާބު މަސައްކަތް ދިވެހީން ކުރީ ދިވެހިންގެ އަނގަބަހުގެ އަދަބުގެ ތެރެއިންނެވެ. އެކިއެކި ނަސޭހަތް ދިނުމުގައި ބޭނުން ކުޅައީ ޅެމާއި ވާހަކައެވެ. ރޭގަނޑު ދެ ނަމާދު ދޭތެރޭގައި ޤުރުއާން ކިޔަވާން ކިޔަމަންތެރިކަމާއެކު ގޭގައި ތިބުމަކީ ރީތި އަދަބެއްކަމުގައި ދަސްކޮށްދިނީ މި އަނގަބަހުގެ އަދަބެވެ. ދަރީން އަދަބުވެރިކޮށް މައިންބަފައިންނަށް ޙުރުމަތްތެރިކޮށްހިތާން ދަސްކޮށްދިނީ މި އަދަބިއްޔާތެވެ. ރަށުން ބޭރުގައި އާމްދަނީ ހޯދުމުގެ މަސައްކަތުގައި އުޅޭ ބައްޕައިން، ވަރަށް އަވަހަށް އަންނާނޭ ކަމުގައި ބުނެ، "ބައްޕައްޔޯ އަންނައްޔޯ އަންނަ މަގުން އަންނައްޔޯ" ފަދަ ބަނދިތަކުން ދަރިފުޅަށް އުއްމީދުދިނީ މި އަދަބެވެ. މާ ގިނައިން ކެއުމަކީ ގެއްލުންލިބޭނެ ކަމެއްކަން އަންގައިދިނުމަށްޓަކައި "މާކުންބޭ" ވާހަކަ ކިޔައިދިނުމާއި، ދަތް އުނގުޅާން ޖެހޭކަން ހަނދާންކޮށްދޭން "ސަފަރު ކަތްދަ" ވާހަކަ ކިޔައިދީ ފެންވަރައި ސާފުތާހިރުވުމުގެ އާދަ އަށަގަންނުވާން "ހަޑިގިއްލާ" ވާހަކަ ކިޔައިދީ ދަރީން އަދަބުވެރިކުރުވީ ދިވެހިބަހުގެ މި އަދަބެވެ.
ދިވެހި އަދީބުންކުރެ ކުޅަދާނަ މުސްކުޅި ނަންތަކުގެ ތެރޭގައި އެދުރު ޢުމަރު މާފަތްކަލޭފާނާއި ނައިބު ތުއްތުއާއި ހުތްއަލިދީދީ ފަދަ ބޭފުޅުން ހިމެނޭއިރު އުފެއްދި ޝާޢިރަކު އެނގިފައިނުވާ، ފަންނުވެރި އެތައް ޅެމަކާއި ރައިވަރުތަކެއް ދިވެހި އަދަބުގައި ވެއެވެ. ވީމާ ދިވެހިބަހުގެ ޅެންވެރިކަމާއި އަދަބީ އުފެއްދުން ވެސް އުފެދިފައިވަނީ ޒަމާންތަކެއް ކުރީންކަން ސާބިތުވެއެވެ.
ދިވެހިންގެ މުސްކުޅި ރައިވަރާއި ޅެންތަކާއި ވާހަކަތަކުން ފެންނަނީ ދީނީ ޢަޤީދާއާ ގުޅުންހުރި އުފެއްދުންތަކެވެ. އަޚުލާޤާ ގުޅުންހުރި ކިޔުންތަކެވެ. ވީމާ ދިވެހި އަދަބުގެ ފެށުން ވެސް މި ވަނީ އިންސާނީ ފިކުރު ހެޔޮކުރުމުގެ ތެރެއިން ހަރުދަނާ ހެޔޮ އުއްމަތެއް ބިނާކުރާންކަމުގައި ޤަބޫލުކުރާންޖެހެއެވެ.
އެއްވެސް ޝައްކެއް ނެތެވެ! ދިވެހި އަދަބިއްޔާތުގެ ކުރީ ޒަމާނުގައި އޮތީ ވާހަކައާއި، ބަންޖާއި ފަރިއްސާއި ކަލާއި ރައިވަރުގެ އަދަބެވެ. މީގެ ތެރޭގައި އީޖާދީ އެތައް ވާހަކައެއް ހިމެނެއެވެ. ދިގުދިގު ވާހަކައާއި ކުރުވާހަކައެވެ. ކުރުކުރު ވާހަކަ ވެސްމެއެވެ. މި ވާހަކަތައް ކިޔައިދިނުމުގައި ޑަބިޔާ ޖަހައި ފަރިހީގެ ޒަރީޢާއިންނާއި ރައިވަރުގެ ޒަރީޢާއިން މުޖުތަމަޢަށް އެތައްއެތައް ވާހަކައަކާއި ނާޑުކަތާއެއް ފޯރުކޮށްދީފައިވެއެވެ.
އާދޭހެވެ! ޅެންވެރިކަމަކީ އަދަބިއްޔާތުގެ އެންމެ ނުފޫޒު ގަދަ ބާވަތެވެ. ޅެންބަހުރުވައިގައި ބަސްތައް އެމުނި އެކުލެވިފައިވާ ގޮތުން އާދައިގެ ނަސްރަށްވުރެ ޅެން ބަހުރުވަ އިން އިންސާނާގެ އިޙުސާސްތަކާ މާ ބޮޑަށް ކުޅެލައެވެ. ޅެން ބަހުރުވައިގައި ހުންނަ ކާފިޔާ އާއި ވަޒަން ހަމަވުން ފަދަ އުޞޫލުތަކުގެ ސަބަބުން، ޅެމުން ހުށަހަޅާ ޝުޢޫރުތަކުން އިންސާނާ އަށް މާ ބޮޑަށް އަސަރުކުރުވައެވެ. އަދި ޅެންބަހުރުވައިން ހުށަހެޅޭ ޚިޔާލުތައް ސިކުނޑީގައި މާ ވަރުގަދަޔަށް ހަރުލައެވެ. ހަނދާނުގައި މާގިނަ ދުވަހު ހުރެއެވެ.
އައްޝައިޚު މުޙައްމަދު ޖަމީލު ދީދީ ވިދާޅުވެފައިވާ ގޮތުގައި "ޅެމަކީ ވަޒަނަށް ފެތޭ ގޮތަށް ކާފިޔާ ހަމަކޮށް ކިއިފައިވާ ބަސްތަކެކެވެ. [އިންސާނާގެ ހިތުގެ އެންމެ ފުނަށް އަސަރު ފޯރާ ގޮތަކަށް ސިފަކޮށް ދައްކާ، ރީތި ޚިޔާލުތަކެއް ފައުޅުކޮށް ބަޔާންކޮށްދޭ ބަސްތަކެކެވެ. ބައެއް ފަހަރަށް އެ ބަސްތައް ފަތިފައްޗަށް އެކުލަވައި އަމުނައިލެވެއެވެ. ބައެއް ފަހަރަށް އަމުނައިލުމެއް ނެތި އުކައިލެވެ އެވެ." "އަމުނައިލެވޭ ބަޔަށް ނަޒުމޭ ކިޔެއެވެ. އުކައިލެވޭ ބަޔަށް ނަސްރޭ ކިޔެއެވެ."
ދިވެހި އަދަބުގެ މުއްސަނދި ޅެންވެރިކަމުގެ ތެރޭގައި ހިމެނޭ އެންމެ ދުވަސްވީ ބާވަތަކީ "ބަނދި"ކަމުގައި ބެލެވެއެވެ. ބަނދީގެ ބާވަތްތަކުގެ ތެރޭގައި ފަންޑިތަ ބަންޖާއި ކުޑަކުދިން މަސަލަސް ކުރުމުގައި ބޭނުންކުރާ ބަންޖާއި، ފޫހިފިލުވާން ކިޔާ ބަނދި ހިމެނެއެވެ. ބަނދީގެ އިތުރަށް ދިވެހި ޅެންވެރިކަމުގެ އަދަބުގައި ކަލާއި ފަރިއްސާއި ރައިވަރާއި ޅެމާއި އަންބާއާއި ލަވަ ހިމެނެއެވެ.
ދިވެހި އަދަބިއްޔާތުގައި އެންމެ އިސް މަގާމެއް ދެވިފައިވާ ޅެންވެރިކަމުގެ ބާވަތަކީ ރައިވަރެވެ. ސަބަބަކީ ދިވެހި އަދަބިއްޔާތުގެ އަގުހުރި ތަރިކަތަކާއި ބަހުގެ ހަމައާއި ގަވާއިދު ރައިވަރުން ފެންނާން ހުރީތީއެވެ. ރައިވަރަކީ ދިވެހި އަދަބުގެ އެންމެ އިސް ބާވަތެވެ. ރައިވަރުން ހުރި އެންމެ ދޮށީ ލިޔުންތަކަކީ، ކަލާފާނު ރައިވަރު (ހިތާމަ ފާޅުކުރުމާއި މަރުޘިއްޔާކިޔުމުގެ ތާރީޚީ ރައިވަރެއް) އާއި، ބޮޑު ތާހީދު (ދީނީ ވާހަކަތަކެއް) އާއި، ކޮރު ބަންޑާރައިން ހައްޔަރުކޮށްގެން ހޮޅިން އެ ރަދުން ގެންދިޔަ ވާހަކަ (ހިތާމަ ފާޅުކުރުމާއި މަރުޘިއްޔާކިޔުމުގެ ތާރީޚީ ރައިވަރެއް) އާއި، އަރިއަތޮޅު އަރުމާދު ރައިވަރު (ދަތުރު ނާމާ އެއް) އާއި، (އުފެއްދުންތެރި ޚިޔާލީ ވާހަކައެއް ކަމުގައިވާ) ދިޔޯގެ ރައިވަރެވެ.
ދިވެހި ޅެންވެރިކަމުގެ މުހިއްމު އަނެއްބާވަތަކީ ފަރިއްސެވެ. އެއީ ކަލާއި، ބަންޖާއި ރައިވަރާއި މިތިން ބާވަތުގެ ޅެމުގެ ވަޒަނުން ނެއްޓިގެން ކިއިފައި ހުންނަ ޅެންވެރިކަމުގެ ބާވަތެކެވެ.
ދިވެހި ވަޒަންބަހުރުވައިގެތެރޭގައި ނުވަތަ ޅެންވެރިކަމުގެ ތެރޭގައި ހިމެނޭ "ޅެން" ދިވެހި އަދަބުގެ ތެރެއަށް ތަޢާރަފުވީ ތަންކޮޅެއް ފަހުން ޢަރަބި ޅެންވެރިކަމުގެ ތެރެއިންނެވެ. ޅެމަކީ ވަޒަނަކަށް ފެތޭ ގޮތަށް ކާފިޔާ ހަމަކޮށް ކިޔައިފައި ހުންނަ ބަސްތަކެކެވެ. މި ވަޒަނަށް އެންމެ ފުރަތަމަ "ޅެމެއް" ހެއްދެވިކަމަށް އެނގެން އޮތީ ނައިފަރު އަލްމަރުޙޫމު ހުތް އަލި ދީދީއެވެ. މިއީ ދިވެހި ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިޔާ އަދި ޝާޢިރު، "ޝައިޚުލްއިސްލާމް" އައްޝައިޚު އަލްޤާޟީ ޢަބްދުﷲ ފަހުމީ ދީނީ (ނުވަތަ ފަޟީލަތުއްޝައިޚު ޢަބްދުﷲ ޖަލާލުއްދީން)ގެ ބަފައިކަލުންނެވެ. ޅެމުގެ ހުރިހައި ބާވަތެއްގެ މިސާލުތަކެއް ނުލިޔެވުނަސް، ދިވެހިބަހުން މިހާރުގެ ޅެމުގެ ވަޒަނަށް ފުރަތަމަ ހެދުނު، މި ދެންނެވި ޅެމުގެ ދެތިން ބައިތެއް ލިޔެލާނަމެވެ.
"ރައްބީ މިހެން ކުރައްވަތެވަޙީ، ޤުރުއާނުގައި މާގަދަ ހުކުމް
އާދަމް ދަރިންނާ އެންމެ ހައި ތަކު ހެއްދެވީ ނީނާއި ޖިން
ނޫނޭ އެހެން ކަމަކަށްޓަކައި އަޅުކަންކުރާށޭ ދީނުގައި
ގާއިމް ވެދާނދޭ އެކަމުގައި އެކަމަށްޓަކައި ހިނދު ހެއްދެވީ
ޝައްކެއްނެތޭ ގުރުއާންގައި މާގަދަކުރެއްވި ހުކުމޭ މިއީ
ހީކޮށް ނުރައިބެއް މިކަމުގައި ނެތަމޭ ވެދާނާ ތަބަޢަވީ"
ވަޒަންބަހުރުވައިގެ ބާވަތެއްކަމުގައިވާ އަންބާ އަކީ ލަވައިގެ ތެރޭގައި ހިމެނޭ ބާވަތެކެވެ. އަންބާއޭ ކިޔަނީ މަސައްކަތާއި ކުޅިވަރުގައި ފޯރިގެންނާން ޒުވާބު ކިޔަމުން ތަކުރާރުކުރަމުން ކިޔާ ކުރު ލަވައަށެވެ. އަންބާއަށް ވެސް ވަކި ވަޒަނެއް ނޯވެއެވެ. ލަވައިގެ ގޮތަށް ބަސްކޯޅިތަކަކަށް ތަފާތު ވަޒަންތަކަށް އަންބާ ހަދައިފައި ހުރެއެވެ.
ކަލާއި ބަންޖަކީ ވަރަށް އެއް ވައްތަރެއްގެ ދެ ބާވަތެކެވެ. މި ދެވައްތަރުގެ ދެމެދުގައި ހުންނަ އެންމެ ބޮޑު ތަފާތަކީ، ކާ ހެދިފައި ހުންނަނީ ހަތަރު ބަހުން ނަމަވެސް ބަންޖަކީ ވަކި ހަމައެއް ނެތި ހެދިފައިވާ އެއްޗަކަށް ވާކަމެވެ.
އަދަބުގެ އެންމެ ޤަދަރު ބޮޑު އެންމެ ޤަދީމީ ބާވަތަކީ ވަޒަންބަހުރުވަކަމަށްވާތީ މިއީ އަދަބުގެ ތަނަވަސް ބަގީޗާއެކެވެ. ކުޑަ ވަގުތުކޮޅަކުން އެ ބަގީޗާގެ ރީތިކަމެއް ބަލައެއްނުލެވޭނެއެވެ. މާމަލުގެ ވަސްތަކެއް ތަޖުރިބާއެއް ނުކުރެވޭނެއެވެ. އަގު ބޮޑު އަދި ދުވަސްވީ ގަސްގަހުގެ ޢަދަދެއް ހިމަނައެއްނުލެވޭނެއެވެ. އަޅުގަނޑު މި ބަލައިލީ ބަގީޗާގެ އެތެރެއަށް ނުވަދެ ހަމައެކަނި މަތިމަތީންނެވެ. މިހާވަރުންވެސް އަދަބީ ބަގީޗާގެ މުއްސަނދިކަން ތަޞައްވުރުކުރެއްވިއްޖެކަމަށް އުއްމީދުކުރަމެވެ.
ކޮންމެއަކަސް ޅެމުގެ އުފެދުން ވަނީ އިންސާނީ ތާރީޚުގެ އެންމެ ކުރިޔަށް ގޮސް އޮބައިފައެވެ. ތާރީޚުގެ ކަންފަތަށް ޅެމުގެ އަޑު ނީވޭ ޒަމާނެއް ދުނިޔެ ދެކެފައެއް ނެތެވެ. ޔަޤީނުން ވެސް އެނގޭކަމަކީ މީލާދީ ތާރީޚުގެ އެތައް ހާސް އަހަރެއްގެ ކުރިންވެސް ޅެންވެރިކަން އޮތްކަމެވެ. ޤަދީމީ މެސަޕޮޓޭމިއާގެ ޙާޟާރަތުގައި އެ ބައިމީހުން މަށިންހަދައިފައި ހުންނަ މޭޒުތަކުގައި ވެސް ޅެމުގެ ސިލްސިލާތައް ބިންވަޅުނަގައި ކުރަހައިފައި ހުންނަ ކަމެވެ.
ތާރީޚީ ހެކިތަކަށް ބަލާއިރު، ޔަޤީނުންވެސް އެނގޭ ކަމަކީ، ޅެމަކީ ކޮންމެ ބަޔެއްގެ ތެރޭގައިވެސް، އަދި ކޮންމެ މުޖްތަމަޢެއްގައި ވެސް އޮތް އެއްޗެއްކަމެވެ. އެންމެ ޤަދީމީ އަދަބުކަމެވެ. އަދަބުގެ އެންމެ މުހިއްމު ފަންނުކަމެވެ. އެހެންނަމަވެސް އެއްވެސް ބަޔެއްގެ ތެރޭގައި ޅެންވެރިކަން އުފެދި ފެށިގެން އައި ވަކި ޒަމާނެއް ތާރީޚެއް އެނގޭކަށްނެތެވެ.
އާދޭހެވެ! ޅެންވެރިކަމަކީ އަދަބިއްޔާތުގެ އެންމެ އިސް ފަންނެވެ. އެންމެ އަގުބޮޑު ތަރިކައެވެ. އެންމެ ޤަދީމީ ދާއިރާއެވެ. އެހެންކަމުން އަދަބިއްޔާތަށް ޚިދުމަތްކުރާނަމަ ޅެންވެރިކަމަށް ޚާއްޞަ އިސްކަމެއް ދޭންޖެހެއެވެ.
އަޅުގަނޑުގެ އިޚުލާޞްތެރި ދުޢާއަކީ އަދަބިއްޔާތު ދިރުވައި އާލާކުރާން ދިވެހިބަހުގެ އެކެޑަމީއިންނާއި އެންމެހައި އަދީބުންނާއި ބަސްވާރުން ކުރައްވާ މަސައްކަތްޕުޅުގައި ﷲ ބަރަކާތްލެއްވުމެވެ. ދިވެހި އަދަބަށް އަބަދުވެސް ކުރިއެރުމާއި ފަހި ފާގަތި ކުރިމަގެކެވެ! އާމީން!
(ނިމުނީ)