މެންޗަސްޓަރ ޔުނައިޓެޑުގެ ދަނޑު ތެރޭގައި އާއި ބޭރުގައި ކުރަމުންދާ މުޒާހަރާ ތަކާއި ގުޅިގެން އާދިއްތަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ލިވަޕޫލް އާއި ދެކޮޅަށް ނުކުންނަ މެޗު ކަނޑައަޅާފައިވާ ވަގުތަށް ނުފެށި ލަސްވެއްޖެއެވެ.

މި މުޒާހަރާގެ ބައިވެރިން ޑިމާންޑް ކުރަމުންދަނީ ކުލަބުގެ ވެރިން ކަމުގައިވާ "ގްލޭޒަރ" އާއިލާއިން ކުލަބު ދޫކޮށްލުމަށެވެ. ގްލޭޒަރ އާއިލާއިން ކުލަބާއި ހަވާލުވުމާއިއިއެކުވެސް އެކުލަބަށް ސަޕޯޓްކުރާ ފަރާތްތަކުން ދިޔައީ އެކަމާއި ދެކޮޅުހަދާ އަޑު އުފުލަމުންނެވެ.

ގްލޭޒަރ އާއިލާއިން ވަނީ ޔުނައިޓެޑުގެ 98 އިންސައްތަ ހިއްސާ އެ އާއިލާގެ ރެޑް ފުޓްބޯލް ކުންފުނި މެދުވެރިކޮށް ހޯދާފައެވެ. ޔުނައިޓެޑުގެ މެޖޯރިޓީ ހިއްސާ ރެޑް ފުޓްބޯލް ލިމިޓެޑުން ހޯދީ 2005 ވަނަ އަހަރު އެކުންފުނީގެ ހިންގުމާއި މެލްކޮމ ގްލޭޒަރ ހަވާލުވެގެން ހުރި ދުވަސްވަރެވެ. އެހެންނަމަވެސް ޔުނައިޓެޑުގެ ހިންގުމާއި މިހާރު ހަވާލުވެގެން ހުންނަނީ މެލްކަމް ގެ ހަ ދަރިން ކަމުގައވާ އެވްރަމް އާއި ޖޮއެލްގެ އިތުރުން ބްރަޔަން އާއި ޑާސީ އަދި ކެވިން އާއި އެޑްވާޑެވެ.

އާދިއްތަ ދުވަހުގެރޭ 20:30 ގައި ފެށުމަށް ހަމަޖެހުނު މިމެޗު ގަޑިއަށް ނުފެށޭނެކަން ޕްރިމިއަރ ލީގުން ވަނީ މެޗު ތާވަލުކުރެވުނު ގަޑީގެ ގަޑިއެއްހާއިރު ކުރިން ހާމަކޮށްފައެވެ. ސަބަބެއްކަމަަށް ލީގުން ބުނެފައިވަނީ ދަނޑުގެ މަސްރަހު ހުރިގޮތުން މެޗު ކުޅެފިނަމަ މެޗުގައި ބައިވެރިވާ ދެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އަދި މެޗުގެ އޮފިޝަލުންގެ ސަލާމަތަށް ނުރައްކާވެދާނެތީ ކަމަށެވެ.

ގްލޭޒަރ އާއިލާ އާއި ދެކޮލަށް އަޑުއުފުލާ 200 އަށްވުރެ ގިނަ ސަޕޯޓަރުން ވަނީ ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑް ދަނޑަށް ވަދެފައެވެ. ސަލާމަތީ ބާރުތަކުން މި ފަރާތްތައް ދަނޑުން ބޭލި ނަމަވެސް ފަހުން އަނެއްކާވެސް އިތުރު ފަރާތްތަކަކުން ވަނީ ދަނޑަށް އަރާ ނުރުހުން ފާޅުކޮށްފައެވެ.

އޯލްޑް ޓްރެފޯޑްގެ އެތެރޭގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން- ފޮޓޯ؛- ރޮއިޓާސް

މި މެޗުން ޔުނައިޓެޑް ބަލިވެއްޖެނަމަ މި ސީޒަނުގެ ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ވާދަވެރި މެންޗަސްޓަރ ސިޓީއަށް ލިބިގެންދާނެއެވެ. ސިޓި މިހާރުވެސް ތާވަލުގެ އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް ޔުނައިޓެޑަށް ވުރެ އިތުރަށް އެއްމެޗު ކުޅެ 13 ޕޮއިންޓުގެ ލީޑަކާއި އެކުގައެވެ. މި މެޗުން ޔުނައިޓެޑް ބަލިވެއްޖެނަމަ ބާކީ ލީގުގައި އޮތް 4 މެޗުން އެޓީމަކަށް ސިޓީ އާއި ޕޮއިންޓުގެ ގޮތުން އަރާހަމަައެއް ނުކުރެވޭނެއެވެ.