އިޓާލިއަން ލީގުގައި އާދިއްތަ ދުވަހުގެރޭ ކުޅުނު މެޗުން ޔުވެންޓަސްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދިން ދެލަނޑުން އުދިނޭސް ބަލިކޮށް އެޓީމުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމުގެ އުންމީދު ބޮޑުކޮށްފިއެވެ.

އުދިނޭސްގެ ދަނޑުގައި ކުޅުނު މިމެޗު ޔުވެންޓަސް އިން ކާމިޔާބުކުރީ ރޮނާލްޑޯ ކާމިޔާބުކުރި ދެ ލަނޑާއެކު ފަހަތުން އަރާ 1-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގި އުދިނޭސް އިން ވަނީ ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނަހޭލް މޮލީނާ އެވެ.

ޔުވެންޓަސް އިން މެޗުގައި މޮޅު ކުޅުމެއް ދެއްކިނަމަވެސް މެޗުގެ ބޮޑުބައެއްގައި އެޓީމަށް ވަނީ ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފިފައެވެ. އެގޮތުން އެޓީމުން އުދިނޭސްގެ ގޯލާއި އަމާޒުކޮށް 14 ހަމަލާއެއް އުފައްދާފައިވާއިރު ގޯލާއި އަމާޒުވާ ގޮތަށް ފޮނުވާލެވިފައިވަނީ އެންމެ 4 ހަމަލާއެކެވެ.

ފައުލް ގިނަ މިމެޗުގައި ޖުމްލަ 32 ފައުލެއް ފެނިގެންދިޔައިރު އޭގެތެރެއިން 18 ފައުލަކީ ޔުވެންޓަސްގެ ކުޅުންތެރިންގެ ފަރާތުން ކުރި ފައުލުތަކެކެވެ. އުދިނޭސް އިން 14 ފައުލެއްކުރިއިރު އެޓީމުގެ 3 ކުޅުންތެރިއަކަށް ވަނީ ރީނދޫ ކާޑުވެސް ދައްކާފައެވެ.

މެޗުގައި ޔުވެންޓަސްގެ ދެލަނޑުވެސް ޖަހާފައިވަނީ މެޗުގެ އެންމެ ފަހު 10 މިނެޓުގެ ތެރޭގައެވެ. އެގޮތުން މެޗުގެ ނަތީޖާ ހަމަހަމަކުރި ލަނޑު ރޮނާލްޑޯ ކާމިޔާބުކޮށްދިނީ 83 ވަނަ މިނެޓުގައެވެ. އަދި ލިބުނު ޕެނަލްޓީއަކުން އެޓީމު މޮޅުކޮށްދިން ލަނޑު ރޮނާލްޑޯ ކާމިޔާބުކުރީ މެޗުގެ ފުރިހަމަވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށެވެ.

ޔުވެންޓަސް އާއި އުދިނޭސް ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

މެޗުން ޔުވެންޓަސް މޮޅުވުމާއިއެކު ތާވަލުގެ ދެވަނައިގައި އޮތް އެޓަލާންޓާ އާއި ތިންވަނައިގައި ޔުވެންޓަސް އަދި ހަތަރުވަނައިގައި އޮތް އޭސީ މިލާން ވަނީ ޕޮއިންޓުގެ ގޮތުން އެއްވަރުވެފައެވެ. އެގޮތުން މި ތިން ޓީމަށްވެސް 34 މެޗުން 69 ޕޮއިންޓު ލިބިފައިވެއެވެ. ޔުވެންޓަސްގެ މައްޗަށް އެޓަލާންޓާ އަށް ކުރިލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ލީގުގައި ޖުމްލަ 38 މެޗު ކުޅޭއިރު 34 މެޗުން 82 ޕޮއިންޓާއެކު ބާކީ ހަތަރު މެޗު އޮށްވާ އިންޓާ މިލާނުން ވަނީ ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ. އެޓީމަށް ލީގު ޓައިޓަލް ކަށަވަރުވީ ދެވަނައިގައި އޮތް އެޓަލާންޓާ އާއި 8 ވަނައިގައި އޮތް ސަސުއޯލޯ ކުޅުނު މެޗު އެއްވަރުވުމާއި ގުޅިގެން ބާކީ އޮތް ހަތަރު މެޗުން އެޓަލާންޓާއަށް އަދި އެހެން ޓީމަކަށްވެސް އިންޓާ އާއި ޕޮއިންޓުގެ ގޮތުން އެއްވަރު ނުކުރެވޭނެތީއެވެ.