ލަލީގާގައި ވެލެންސިއާ އާއި ބާސެލޯނާގެ ކުރިމަތިލުމުގައި މެސީގެ ހިތްވަރުން ބާސާ މޮޅުކޮށްދީފިއެވެ.

ވެލެންސިއާގެ ދަނޑުގައި ކުޅުނު މިމެޗުން ބާސާ މޮޅުވީ 2-3 ގެ ނަތީޖާ އަކުންނެވެ.

ވާދަވެރި ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ މިމެޗުގައި މެސީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންގޮސްފައިވެއެވެ. މެސީ ވަނީ މެޗުގައި ދެ ލަނޑު ޖަހާފައެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ވެލެންސިއާ އެވެ. މިލަނޑު ދެވަނަ ހާފުގެ 5 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ގެބްރިއަލް އެވެ. މިއީ ސޮލާރ ނަގައިދިން ކޯނަރެއް މުޅިން ހުސްކޮށްހުރެ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެން ގެބްރިއަލް ކާމިޔާބުކުރި ލަނޑެކެވެ.

ބާސާއަށް ނަތީޖާ ހަމަހަމަކުރުމަށް ޕެނަލްޓީއެއް ލިބުނެވެ. އެހެންނަމަވެސް މެސީ ފޮނުވާލި ޕެނަލްޓީ ވެލެންސިއާގެ ކީޕަރު ދިފާއުކުރުމުން ރިބައުންސް ވެގެން އައި ބޯޅަ ބުސްކުއެޓްސް ހޯދާ ޕެޑްރީއަށް ތަނަވަސްކޮށްދިނުމުން އޭނާ ފޮނުވާލި ބޯޅަ ވެލެންސިއާގެ ޑިފެންޑަރެއްގެ ގައިގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައުމުން މެސީ ވަނީ ގޯލުގެ ތެރެއަށް މި ބޯޅަ ވައްދާލާ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ބާސާއިން މެޗުގައި ލީޑުނެގީ މެޗުގެ 63 ވަނަ މިނެޓުގައެވެ. މިއީ ޖޯޑީ އަލްބާގެ ހުރަހެއް އޭރިއާ ތެރޭގައި ހުރެފައި ފްރެންކީ ޑީޖޮންގް ބޮލުން ފޮނުވާލުމުން ކީޕަރު އަތުގައި ޖެހިފައި އައި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން އެންޓޮއިން ގްރީޒްމަން ކާމިޔާބުކުރި ލަނޑެކެވެ

މެޗުން ބާސާ މޮޅުވީ މެސީ ކާމިޔާބުކޮށްދިން ހިލޭ ޖެހުމުން- ފޮޓޯ:- ގެޓީ އިމޭޖަސް

ބާސާއިން ލީޑުފުޅާކުރި ލަނޑު އަދި މެޗުން އެޓީމު މޮޅުކޮށްދިން ލަނޑު ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ މެސީ އެވެ. މިއީ މެޗުގެ 69 ވަނަ މިނެޓުގައި މެސީ ކާމިޔާބުކުރި ލަނޑެކެވެ. ވެލެންސިއާއިން ފަރަގުކުޑަކުރި ލަނޑު އަދި އެޓީމުގެ ފަހުލަނޑު ކާމިޔާބުކޮށްދިނީ ސޮލާރް އެވެ.

މި ނަތީޖާއާއިއެކު 34 މެޗުން 74 ޕޮއިންޓާއެކު ބާސާ އޮތީ ތާވަލުގެ 3 ވަނައިގައެވެ. ދެވަނައިގައި ރެއާލް މެޑްރިޑް ވެސް އޮތީ 34 މެޗުން މިއަދަދަށް ޕޮއިންޓު ހޯދައިގެންނެވެ. އެއްވަނައިގައި އެތްލެޓިކޯ މެޑްރިޑް އޮތީ ދެ ޕޮއިންޓުގެ ލީޑަކާއި އެކުގައެވެ. ބާސާ އަތުން ބަލިވި ވެލެންސިއާ އަށް ތާވަލުގައި 14 ވަނަ ލިބެނީ 34 މެޗުން ހޯދި 36 ޕޮއިންޓާއި އެކުގައެވެ.