ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހުގެރޭ ކުޅުނު މެޗުން ބޭލްގެ ހެޓްރިކާއެކު ޓޮޓެންހަމުން ފަސޭހަކަމާއިއެކު ޝެފީލްޑް ޔުނައިޓެޑުގެ މައްޗަށް ކުރިހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައި ޓޮޓެންހަމުގެ ފަރާތުން އަދި ހާއްސަކޮށް ބޭލްގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެޓީމު މޮޅުވީ 0-4 ގެ ނަތީޖާއަކުންނެވެ.

ޓޮޓެންހަމްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީ އެޓީމަށް ލީޑު ނަގައިދިން ލަނޑު ބޭލް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައެވެ. މިއީ އޮރިއާގެ އެހީތެރި ކަމާއިއެކު ބޭލް ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެންނުދިޔަ ނަމަވެސް ޓޮޓެންހަމުން ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށް ހަމަލާތަކެއް އުފައްދާފައެވެ.

ޓޮޓެންހަމުން ލީޑު ފުޅާކުރީ ދެވަނަ ހާފުގެ 16 ވަނަ މިނެޓުގައެވެ. މިއީވެސް ހިއުންގ މިން ސޮންގެ އެހީތެރިކަމާއިއެކު ބޭލް ކާމިޔާބުކުރި ލަނޑެކެވެ. ބޭލް ހެޓްރިކް ފުރިހަމަކުރީ 69 ވަނަ މިނެޓުގައެވެ. މިއީވެސް އޮރިއާ ތަނަވަސްކޮށްދިން ފުރުސަތަކުން ބޭލް ކާމިޔާބުކުރި ލަނޑެކެވެ. މިއީ 2012 ވަނަ އަހަރަށްފަހު ޕްރިމިއާ ލީގުގައި ބޭލް ހެދި ފުރަތަމަ ހެޓްރިކުވެސް މެއެވެ.

މެޗުގައި ޓޮޓެންހަމުން ޖެހި ފަހުލަނޑު މެޗުގެ 77 ވަނަ މިނެޓައި ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއްދައްކާ ބޭލްގެ ދެވަނަ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިން ސޮން އެވެ.

މި މޮޅާއެކު 34 މެޗުން 56 ޕޮއިންޓާއެކު ޓޮޓެންހަމަށް ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލުގައި ލިބެނީ 5 ވަނައެވެ.ޓޮޓެންހަމް އަތުން ބަލިވި ޝެފީލްޑް ޔުނައިޓެޑް އޮތީ ތާވަލުގެ ފުލުގައެވެ. އެޓީމު ރެލިގޭޓް ވާނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ.