ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހުގެރޭ އީގަލްސްގެ މައްޗަށް ކުރިހޯދާ، އެންމެފަހުގެ ޗެމްޕިއަން މާޒިޔާއިން އެއްވަނައިގައި 9 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މިމެޗުން މާޒިޔާ މޮޅުވީ ފަސޭހަ ކަމާއިއެކު 0-4 ގެ ނަތީޖާއަކުންނެވެ.

މާޒިޔާގެ އެޓޭކިންގ ވަރުގަދަކޮށް ފެނިގެންދިޔަ މިމެޗުގައި އެޓީމުގެ ފަރާތުންވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަތީޖާ އަކަށްވީ މެޗުގެ ވަރަށް ކުރީކޮޅުގައި އެޓީމުން ލަނޑެއްޖަހާ ލީޑުނެގުމެވެ. މިލަނޑު މެޗުގެ 26 ވަނަ މިނެޓުގައި ހަމްޒާ މުޙައްމަދު (ހަމްޕު) ނަގައިދިން ހުރަހަކުން ކާމިޔާބުކޮށްދިނީ ޖަޕާނުގެ މިޑްފީލްޑަރު ޓަކާޝީ އޮޑަވާރާއެވެ.

ފުރަތަމަ ލަނޑު ކާމިޔާބުކުރުމުގެ ކުރިންވެސް މާޒިޔާއަށް ވަނީ ލަނޑުޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އާއި މިޑްފީލްޑަރު އިބްރާހީމް އައިސަމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ދެކުޅުންތެރިންނަށް ހިފިފައެއް ނުވެއެވެ. އެހެންނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މިލަނޑު ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ.

ދެވަނަ ހާފުގައިވެސް މާޒިޔާގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންދިޔައިރު އެޓީމުގެ ތިންވަނަ ލަނޑު ދެވަނަ ހާފު ފަށައިގެން 8 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަމްޕު އެވެ. އަދި މެޗުގައި އެޓީމުންޖެހި ފަހު ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ސްޓެވާޓެވެ. މިއީ އީގަލްސްގެ އަޙްމަދު ނޫމާން (ހެލްމެޓް) އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

މި މެޗަށްފަހު ލީގުގެ ދެވަނަ ބުރުގެ ކުޅުން ނިމުނުއިރު، މާޒިޔާ އެއްވަނައިގައި އޮތީ 14 މެޗުން 34 ޕޮއިންޓް ހޯދައިގެންނެވެ. މެޗުން ބަލިވި ކްލަބް އީގަލްސް އަށް ތާވަލުގެ ހަތަރުވަނަ ލިބެނީ 14 މެޗުން 17 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ކުލަބު ވެލެންސިއާއަށް 14 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ. ތިންވަނައިގައި އޮތީ 14 މެޗުން 19 ޕޮއިންޓް ހަމަކޮށްފައިވާ ކުލަބު ގްރީން ސްޓްރީޓްސްއެވެ.