އއ. އަތޮޅު ހިމަންދޫވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އެރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ، މާލެއިން ހިމަންދޫއަށް ދަތުރުކުރި ދޯންޏެއްގެ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ޑައިރެކްޓް ކޮންޓެކްޓުވެގެން 15 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް ހިމަންދޫ ކައުންސިލް ރައީސް ޒައިނަލް ޢިބާދު ވިދާލުވިއެވެ.

މޮނިޓަރިންގެ ހާލަތަށް ހިމަންދޫ ގެނައުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން މިވަގުތު އެރަށުގައިތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި އަދި ރަށުން ބޭރުން މީހުން އެރަށަށް އެރުން ވަނީ މަނާކޮށްފައެވެ.

ހިމަންދޫ ކައުންސިލް ރައީސް ޒައިނަލް ޢިބާދު ވިދާޅުވީ މިދަނޑިވަޅުގައި ހިމަންދޫ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާ ކަމަށެވެ.

ޕޮޒިޓިވް ކޭސްތަކެއް ފެނިގެން އިއްޔެވެސް އިތުރު ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވެއެވެ.

އިއްޔެ މޮނިޓަރިންއަށް ލާފައިވަނީ ފ. ފީއައްޔެވެ.

މިއާއެކު، މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގެ އަދަދުވަނީ 24 އަށް އަރާފައެވެ.

ރާއްޖެއިން މިހާތަނަށް 30،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މިބަލީގައި 73 މީހަކު ވަނީ ނިޔާވެފައެވެ.