ސަރުކާރުގެ ހިންގުމަށް ބަދަލު ގެނައުމަށް ކޯލިޝަން ލީޑަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

މަބްރޫކް ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ބައެއް ސަރަހައްދުތަކުގެ ނަތީޖާ ދެއްކި ގޮތުން ސަރުކާރުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭކަން ހާމަވެގެން ހިނގައްޖެ ކަމަށެވެ.

ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ހާމަވެގެން ގޮސްފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެހެންކަމުން މި ކަންކަމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ލީޑަރުންނާއެކު މަޝްވަރާ ކުރައްވަމުންދާ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

މިހާރު ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް އަންނަތަން ކުރިއަށްހުރި މަސްތަކުގެ ތެރޭގައި ފެނިގެންދާނެ ކަމަށާއި، އެންމެ ބޮޑު އިސްކަމެއް ދޭނީ ޚިދުމަތްތަކަށް ބަދަލު ގެނައުމަށް ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މިމަސައްކަތްތައް ކުރުމުގައި ސަރުކާރު ކޯލިޝަންގެ ތެރޭގައި އޮތް ގުޅުމަށް ބުރުލެއް އެރިޔަނުދީ، ބަދަލުތައް ގެނައުމަށް އިސްކަމެއް ދެއްވާނެ ކަމަށްވެސް މަބްރޫކް ވަނީ ވިދާޅުވިއެވެ.

މި މަޝްވަރާތަކާ ގުޅޭ އިތުރު ތަފްސީލެއް މަބްރޫކް ހާމަކުރައްވާފައެއް ނުވެއެވެ.

ސަރުކާރުގެ ހިންގުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ބަދަލު ގެންނަންޖެހޭކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވެފައިމިވަނީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް މާލޭ ސިޓީގެ މޭޔަރުގެ ގޮނޑި ކާމިޔާބު ނުކުރެވުމުންނެވެ.

މިކަން މިވީ މާލޭ ސިޓީގެ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމުން ކަމަށް ނިމިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވެސް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން މިކަންކަން ރަނގަޅުކުރުމަށް ކުރަންހުރި މަސައްކަތްތައް ކުރުމަށް ކޯލިޝަންގެ ލީޑަރުންނަށް ސިޓީ ފޮނުވާފައިވާކަމަށް ރައީސް އޮފީހުން މީގެކުރިން ވަނީ ބުނެފައެވެ.