މި އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ގައި އެކި ބާވަތުގެ 1352 މައްސަލައެއް ފުލުހުންހެ އިދާރާއަށް ހުށައަޅާފައިވާ ކަމަށް އެއިދާރާއިން ބުނެފިއެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި ދެއަހަރާ އަަޅައިބަލާއިރު މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލަތައް ވަނީ މަދުވެފައެވެ.

ފާއިތުވި ދެއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ފުލުހުންނަށް 2،648 މައްސަލައެއް ހުށަހަޅާފައިވާއިރު، މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ހުށަހަޅާފައިވަނީ 1،352 މައްސަލައެވެ.

މިމުއްދަތުގެ ތެރޭގައި ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކަށް ވަކިވަކިން ބަލާއިރު ރޯދަމަހުގެ ދުވާލުގެ ވަގުތުގައި ކައިގެން ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތައް ވަނީ މަދުވެފައެވެ.

އެގޮތުން ފާއިތުވި ދެއަހަރު 29 މައްސަލައެއް ހުށަހަޅާފައިވާއިރު މިއަހަރުގެ މިމުއްދަތުގައި ހުށައެޅީ 10 މައްސަލައެވެ.

ފާއިތުވި ދެ އަހަރާއި މިއަހަރު ރަމަޟާން މަހުގެ ފުރަތަމަ 15 ގައި ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތަކަށް ބަލާއިރު ފާއިތުވި ދެއަހަރުގެ މި މުއްދަތުގައި 646 މައްސަލަ ހުށަހަޅާފައިވެއެވެ.

އަދި މިއަހަރުގެ ރަަމަޟާން މަަހުގެ ފުރަތަމަ 15 އާ ހަމައަށް ހުށައަޅާފައިވަނީ ވައްކަމުގެ 368 މައްސަލައެވެ.

މީގެ އިތުރުން ފާއިތުވި ދެއަހަރާއި މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ގައި ހުށަހަޅާފައިވާ ޓްރެފިކް މައްސަލަތައް ވެސް ވަނީ މަދުވެފައެވެ. މިގޮތުން ފާއިތުވި ދެއަހަރު މި ބާވަތުގެ 197 މައްސަލައެއް ހުށަހަޅާފައިވާއިރު މި އަހަރުގެ މި މުއްދަތުގައި 129 މައްސަލައެއް ހުށަހަޅާފައި ވެއެވެ.

ފޭރުމުގެ މައްސަލަތަކަށް ބަލާއިރު ފާއިތުވި ދެއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ފޭރުމުގެ 41 މައްސަލައެއް ހުށަހަޅާފައިވާއިރު މި އަހަރު ހުށަހަޅާފައިވަނީ 20 މައްސަލައެކެވެ.

މުދަލަށް ގެއްލުންދިނުމުގެ 53 މައްސަލައެއް މި އަހަރު ހުށަހަޅާފައިވާއިރު ފާއިތުވި ދެ އަހަރު 273 މައްސަލައެއް ހުށަހަޅާފައިވެއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކަށް ބަލާއިރު މި އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު 156 މައްސަލައެއް ހުށަހަޅާފައިވެއެވެ. ފާއިތުވި ދެއަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު މަސްތުވާތަކެތީގެ 398 މައްސަލަ ހުށަހަޅާފައިވެއެވެ.

އެހެނިހެން މައްސަލަތަކުގެ ގޮތުގައި ފާއިތުވި ދެއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު 743 މައްސަލައެއް ހުށަހަޅާފައިވާއިރު މިއަހަރު 415 މައްސަލައެއް ހުށަހަޅާފައިވެއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހުގައި ކުދިކުދި ވައްކަމުގެ މައްސަލަ އިތުރުވަމުންދާއިރު މިފަދަ މައްސަލަތައް މަދުކުރުމުގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން ކޮންމެ ފަރުދަކުވެސް މިފަދަ ކަންކަމުން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއްދީ، ފަރުދީ ޒިންމާ އަދާކުރުމަކީ މިފަދަ މައްސަލަތައް މަދުކުރުމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.