ނޫސްވެރިކަމުގެ މިނިވަންކަމަށް ރައްކާތެރިކަން ލިބެންޖެހޭނެކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅިގެން ދެއްވި މެސެޖެއްގައެވެ.

މިނިސްޓަރުގެ މެސެޖުގައި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރަން އދގެ އާންމު މަޖިލީހުން ކަނޑައެޅި މީގެ 30 އަހަރު ކުރިންކަން ފާހަގަކުރައްވާފައި ވެއެވެ.

އިންސާނުންގެ ހައްޤާއި، ޑިމޮކްރަސީ ގާއިމްކުރުމުގައި ނޫސްވެރިންގެ ދައުރު ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމަށް އަބަދުމެ ރައްކާތެރިކަން ލިބުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި ސިޔާސީ ހިންގުންތެރިކަމަށާއި، މުޖުތަމައުގެ އެކި ކަންކަމަށް އަމާޒުކޮށްގެން ނޫސްވެރިން މައުލޫމާތުހުރި ހަބަރު ގެނެސްދޭކަންވެސް ފާހަގަކުރައްވާފައި ވެއެވެ.

މިނިސްޓަރ ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސަތުގައި ދިވެހިރާއްޖެއިން ފާހަގަކޮށްލެވޭފަދަ ކާމިޔާބީތަކެއް ހޯދާފައިވާކަންވެސް ފާހަގަ ކުރައްވާފައެވެ.

ދިވެހިރާއްޖެ އޮތީ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގެ 72 ވަނައިގައި ކަމަށް ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މިއީ ފާއިތުވި ތިން އަހަރާއި އަޅާކިރާއިރު ކުރިއަށް އެޅުނު ބޮޑު ފިޔަވަޅެއް ކަމަށާޢި، ނޫސްވެރިކަން ރައްކާތެރި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހުރަސްއެޅޭފަދަ ކަންކަން އުވާލައި، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކުރިއަރުވުން ދެމިއޮންނާނެ ކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ މިނިވަން ނޫސްވެރިކަން ކުރަން މީޑިޔާއާއި އެކި ޓީވީ ސްޓޭޝަންތަކުގައި މަސައްކަތްކުރާ މީހުން ހިމާޔަތްކުރުމަށް ގޮވާލައްވާފައެވެ. އަދި މިނިވަން ނޫސްވެރިކަމުގެ މުހިންމުކަމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރަން ޖެހޭކަމަށްވެސް ވިދާޅުވިއެވެ.