ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ލިބިދިނުމަށް އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން މޯލްޑިވްސް މީޑިއާ ކައުންސިލުން ދީފިއެވެ.

އެމްއެމްސީން މި ޔަގީންކަން ދީފައިވަނީ މިއަދު ފާހަގަކުރަމުންދާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅިގެން އެ ކައުންސިލްގެ ރައީސް ސަހުބާން ފަހުމީ ދެއްވި ޚިޠާބުގައެވެ.

އެމްއެމްސީގެ ރައީސްގެ ޚިޠާބުގައި ވަނީ މި އަހަރަކީ ރާއްޖޭގެ ނޫސްވެރިކަމުގައި އައު ހަރުފަތްތަކެއް ގިރާކޮށް އިންޤިލާބީ ބަދަލެއް ގެނުވި އަހަރެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ނޫސްވެރިކަމުގެ މިނިވަންކަން ދަރަޖަކުރާ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެއިން އިތުރު 7 ދަރަޖައިގެ ކުރިއެރުމެއް ހޯދައި އެ އިންޑެކްސްގެ 72 ވަނައަށް އަރާފައިވާކަން މި ޚިޠާބުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށްވާއިރު، އެ މިނިވަންކަން އެންމެ ފުޅާދާއިރާއެއްގައި ލިބިދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެކަމުގެ ޔަގީންކަން އެމްއެމްސީގެ ރައީސްގެ ޚިޠާބުގައި ވަނީ ދީފައެވެ.

މިއަދު ފާހަގަކުރަމުންދާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހަށް ޔުނެސްކޯއިން ކަނޑައަޅާފައިވާ "މައުލޫމާތު ރައްޔިތުންގެ ހައްގެއްގެ ގޮތުގައި" މި ޝިއާރުން ދޭހަކޮށްދެނީ ފޮރުވުމެއްނެތި ހާމަކަމާއެކު މައުލޫމާތު ލިބިގަތުމަކީ ރައްޔިތުންގެ ހައްގެއްކަމާއި މައުލޫމާތަކީ، އެއްވެސް ފަރާތެއް ބާކީ ކުރުމެއްނެތި، މުޅި މުޖުތަމައުގެވެސް މިލްކެއްގެ ގޮތުގައިދެކިގެން މައުލޫމާތު ފޯރުކޮށްދިނުމުގެ މުހިންމުކަން ކަމަށް އެމްއެމްސީގެ ޚިޠާބުގައި ވެއެވެ.

މައުލޫމާތު ފޯރުކޮށްދިނުމުގައި މިމަގަށް ނޫސްވެރިންނަށް މަސައްކަތްކުރެވޭނީ، ނޫސްވެރިންނަށް މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުން ވެސް މިމަގަށް މަސައްކަތްކޮށްގެން ކަމަށާއި، މި ބީދައިން މަސައްކަތްކޮށްގެން ނޫސްވެރިކަން އިތުރު ހަރުފަތަކަށް ގެންދިޔުމަށް މަގުފަހިވެގެންދާނެކަމަށް އެމްއެމްސީ ރައީސްގެ ޚިޠާބުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ނޫސްވެރިން އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކުރިމަތިލާންޖެހޭ ގިނަ ކަންކަމުން އިބުރަތް ހާސިލްކޮށް ކުރިއަށް ދިމާވެދާނެ ކޮންމެ ކަމަކަށް ލޯ ހުޅވައިގެން ތިބުމަކީ މުހިންމުކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ޒިންމާދާރުކަމާއެކު ހިފުމަށް އެމްއެމްސީން ވަނީ އިލްތިމާސް ކޮށްފައެވެ.