ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް މިއަދު މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވެފައި މިވަނީ ރާއްޖެއިން ފެންނަ ކޮވިޑް-19 ގެ ކޭސްތައް ރެކޯޑު އަދަދަކަށް އިތުރުވަމުންދާ ދަނޑިވަޅެއްގައި މިއދު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ކޮވިޑުގެ އަދަދުތައް އިންތިހާއަށް މަތިވަމުންދާކަމީ ކަންބޮޑުވާކަމެއް ކަމަށެވެ.

ރައީސް ވަނީ ބަލިން ރައްކާތެރިވުމަށް އަމިއްލައަށް އެޅެންހުރި ފިޔަވަޅުތަކާއި، މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.

އަދި ބަލި ކޮންޓްރޯލްކުރުމަށް އިތުރު ފިޔަވަޅުތައް އަޅައި، ފިޔަވަޅުތައް ހަރުދަނާކުރުމަށް މިއަދު މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމުން އެޗްޕީއޭއިން މިހާރުވަނީ މިއަދުން ފެށިގެން ރާއްޖެއިން ބޭރުން އަންނަ ހުރިހާ އެންމެން ޕީސީއާރް ޓެސްޓުގެ ނެގަޓިވް ނަތީޖާއާއެކުގައި ނޫނީ ރާއްޖެ ނާދެވޭގޮތް ހަދާފައެވެ.

އަދި ރާއްޖޭގައި މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް މާދަމާއިން ފެށިގެން ޟަރޫރީ ބޭނުމެއްގައި ނޫނީ ނުދިއުމަށްވަނީ އަންގާފަރައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީީން ރޭ އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ހޮނިހިރު ދުވަހުގެ ހަވީރު 6:00 އިން އާދިއްތަ ދުވަހުގެ ހަވީރު 6:00 އަށް، އެވީ 24 ގަޑިއިރުގެ ތެރޭގައި 3،523 ސާމްޕަލްއެއް ޓެސްޓުކޮށްފައިވާއިރު، އޭގެތެރެއިން 508 ސާމްޕަލްއެއް ވަނީ ޕޮޒިޓިވްވެފައެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 276 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 185 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ. 12 މީހުން ނިސްބަތްވަނީ ރިސޯޓްތަކަށެވެ. 3 މީހަކު ނިސްބަތްވަނީ ކަނޑުމަތީގެ އުޅަނދަކަށެވެ. 32 މީހުން ނިސްބަތްވަނީ ސިނާއީ މަސައްކަތްކުރާ ރަށްތަކަށެވެ.

އަލަށް ޕޮޒިޓިވްވި 508 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 30،745 އަށް އަރާފައެވެ.