އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީ ލަދުވެތި ގޮތަކަށް ބޮޑު ތަފާތަކުން ބަލިކޮށް، އިންޑިއާގެ ވެސްޓް ބެލްގޯލްގެ އިންތިޚާބު، އެ ސްޓޭޓްގެ މިހާރުގެވެސް ޗީފް މިނިސްޓަރ މަމަތާ ބަނާރްޖީގެ ޓީއެމްސީން ކާމިޔާބު ކޮށްފިއެވެ.

ވެސްޓް ބެންގޯލްގެ އިންތިޚާބުގައި ސްޓޭޓް އެސެމްބްލީގެ ތިންބައިކުޅަ ދެބައިގެ ގޮނޑި މަމަތާގެ ޕާޓީންވަނީ ކާމިޔާބު ކޮށްފައެވެ.

މި ނަތީޖާއާ ގުޅިގެން އެ ސްޓޭޓްގެ ޗީފް މިނިސްޓަރުކަން ޖެހިޖެހިގެން ތިންވަނަ ދައުރަކަށް މަމަތާއަށްވަނީ ކަށަވަރުވެފައެވެ.

މަމަތާ ބަނާރްޖީއަކީ އިންޑިއާގެ ސްޓޭޓްތަކުގެ ތެރެއިން ސްޓޭޓެއްގައި ވެރިކަން ކުރައްވާ ހަމައެކަނި އަންހެން ޗީފް މިނިސްޓަރެވެ. އަދި އޭނާއަކީ އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު މޯދީއާއި، މޯދީގެ ބީޖޭޕީއާ ވަރަށް ދެކޮޅު ބޭފުޅެކެވެ.

އެހެންކަމުން، ނިމިގެންދިޔަ އިންތިޚާބުން މަމަތާ ބަނާރްޖީގެ ޕާޓީ ބަލިކޮށް، އޭނާ ވެރިކަމުންވެސް ދުރުކުރަން ބޮޑުވަޒީރު މޯދީއާއި، ބީޖޭޕީގެ ލީޑަރ އަމިތު ޝާހު ނުކުރައްވާ ކަމެއް ނެތެވެ.

ސަރުކާރުގެ ހުރިހާ ވަސީލަތްތައް ބޭނުން ކުރައްވައިގެން ވެސްޓް ބެންގޯލްގައި ބީޖޭޕީން ވަރަށް ވަރުގަދަ ކެމްޕެއިން ކުރިއެވެ. ނަމަވެސް، އިންތިޚާބުން 292 ގޮނޑި ހިމެނޭ ސްޓޭޓް އެސެމްބްލީން ބީޖޭޕީއަށް ލިބުނީ 77 ގޮނޑިއެވެ. މަމަތަގެ ޓިއެމްސީއަށް 213 ގޮނޑި ކަށަވަރުވެފައި ވެއެވެ.

ކޮވިޑްބަލީގެ ހާލަތާ ގުޅިގެން އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުން މަމަތާވަނީ ފަސްކުރައްވާފައެވެ. ވިދާޅުވީ، އެންމެބޮޑު އިސްކަމެއް ދޭނީ ކޮވިޑްބަލިން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކަށް ކަމަށެވެ.

ފައިސާ އަޅައި، ބާރު ދައްކައި، ވަރަށް ހުތުރު ކަންތައްތަކެއް ކުރި ނަމަވެސް، ވެްޓް ބެންގޯލްގެ ރައްޔިތުން ބީޖޭޕީއަށް ނޫނެކޭ ބުނެފި ކަމަށާއި، އެހެންކަމުން، ދެން ދުވަހަކުވެސް މޯދީއާއި އަމިތު ޝާހް ވެސްޓް ބެންގޯލްއަށް ވަޑައި ނުގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޗީފް މިނިސްޓަރ މަމަތާ ވިދާޅުވެފައިވެއެވެ.