މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިސްލްބްލޯ ކުރުމުގެ ގަވާއިދު އާންމުކޮށްފިއެވެ.

މި ގަވާއިދަކީ ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރާ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މިނިސްޓްރީތަކުގެ ދަށުން ހިނގާ އިދާރާތަކުގައި، ވިސްލްބްލޯ ކުރުމުގައި ޢަމަލުކުރާނެ އުސޫލާއި ވިސްލްބްލޯކުރާ ފަރާތްތައް ރައްކައުތެރި ކުރުމުގެ އިތުރުން، ވިސްލްބްލޯވަރ ޕްރޮޓެކްޝަން ކޮމިޓީއަށް ސިއްރުކޮށް މަޢުލޫމާތު ހުށަހެޅުމާއި، މަޢުލޫމާތު ބަލައިގަތުމާއި، މަޢުލޫމާތުތައް ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެގޮތް ބަޔާންކުރުމުގެ ގޮތުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

އިސްލާމިކް އެފެއާޒުން ބުނީ، މިގަވާއިދު އެކުލަވާލުމުގެ މަޤްޞަދަކީ، ނޭދެވޭ ޢަމަލުތަކުގެ މަޢުލޫމާތު މިނިސްޓްރީއަށް ހުށަހަޅައި، ވިސްލްބްލޯކުރާނެ ނިޒާމެއް ގާއިމުކޮށް، ވިސްލްބްލޯކުރުމަށް ހިތްވަރުދީ އެކަންކުރާ މީހުނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ކަމަށެވެ.

އަދި ވިސްލްބްލޯ ކުރުމުން ލިބޭ މައުލޫމާތު އެކަށީގެންވާ ގޮތުގައި ތަޙުޤީޤުކޮށް، އެއަށް ފިޔަވަޅު އަޅައި، މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކުގައި، ވިސްލްބްލޯ ކުރުމުގައި ޢަމަލުކުރަންވާނެ އުސޫލުތައް، ބަޔާންކުރުމަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްލާމިކް އެފެއާޒުން ބުނީ ވިސްލްބްލޯ ކުރާ މީހުން ސިޓީން، ފެކްސް މެސެޖުން، ފޯނުކޯލުން، އިންޓަރނެޓުން ނުވަތަ އެސްއެމްއެސްގެ ޒަރިއްޔާއިން މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށެވެ. އަދި އިލެކްޓްރޯނިކް މެއިލް ނުވަތަ މެސެޖުންނާއި، އޯޑިޔޯ ފައިލުންނާއި، ވީޑިޔޯ ކްލިޕްގެ އިތުރުން މިނިސްޓްރީއަށް ހާޒިރުވެ ހުރެގެންވެސް ވިސްލްބްލޯ ކުރެވޭނެ ކަމަށް ގަވާއިދުގައި ވެއެވެ.

ވިސްލްބްލޯ ކުރާ މީހުން ހިއްސާކުރާ މައުލޫމާތު ވިސްލްބްލޯވަރ ޕްރޮޓެކްޝަން ކޮމިޔުނިޓީއަށް ދިނުމުގެކުރިން އަދި ވިސްލްބްލޯވަރ ޕްރޮޓެކްޝަން ކޮމިޓީން އެމައްސަލަ ބަލައި ހާމަކުރުމާއި ހަމައަށް ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓާއި، ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ އިދާރާތަކަށާއި، ޕްރޮސިކިއުޓަރ ޖެނެރަލްއާއި، ޝަރުއީ ކޯޓުތައް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ލިބިގެން ނުވާނެ މައުލޫމާތެއް ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެއިތުރުން ވިސްލްބްލޯ ކުރުމުގެ ސަބަބުން ވިސްލްބްލޯކުރި މީހާ، ވަޒީފާއިން ވަކިކުރުމާއި، ޒިންމާތަކުން އެކަހެރިިކުރުމާއި، ވަޒީފާ އަދާކުރާ ތަން ނުވަތަ ސެކްޝަން ބަދަލުކޮށް މަސައްކަތުގެ ގަޑި ބަދަލުކުރުމުގެ އިތުރުން ޕްރޮބޭޝަންގައި ބަހައްޓައި، އެއްވެސް އިނާޔަތެއް ނުވަތަ ކުރިއެރުމެއް ނުދީ، މަގާމު ދަށްކޮށްފިނަމަ ވިސްލްބްލޯގެ ގަވާއިދުގެ ދަށުން އެއީ ބަދަލުހިފުން ކަމުގައި އެމިނިސްޓްރީން ކަނޑައަޅާނެކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

މި މައުލޫމާތު ހުށަހަޅާއިރު، އެމީހެއްގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މައުލޫމާތުގެ އިތުރުން މަސައްކަތްކުރާ ތަނާއި، ކުރާ މަސައްކަތާއި، ވިސްލްބްލޯވަރ ޕްރޮޓެކްޝަން ކޮމިޓީއަށް ބޭނުންވެދާނެ ގުޅުންހުރި މުހިންމު މައުލޫމާތު ހުށަހަޅަން ޖެހޭނެކަމަށް އެމިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.

އަދި ވިސްލްބްލޯކުރާ މައްސަލަ ތަހުގީގުކުރުމަށް ބޭނުންވާނެ އެއްވެސް މައުލޫމާތެއް ވާނަމަ އެމައުލޫމާތެއްވެސް ހިމަނަންޖެހޭނެ ކަމަށްވެސް ބުނެއެވެ.

މިނިސްޓްރީން ބުނީ، ވިސްލްބްލޯވަރ ކޮމިޓީ އެކުލަވާލުމާއި، ވިސްލްބްލޯވަރ ޕްރޮޓެކްޝަން އޮފިސަރ ހަމަޖެއްސުމުގައި އަމަލުކުރާނީ ދައުލަތުގެ އިދާރާތަކުގެ އެތެރޭގައި ވިސްލްބްލޯ ކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގައި މައުލޫމާތުތައް ތަހުގީގުކޮށް ފިޔަވަޅުއެޅުމުގައި އަމަލުކުރާނެ ގޮތުގެ ގައިޑްލައިންގައި ބަޔާންކޮށްފައިވަ ގޮތުގެމަތިން ކަމަށެވެ.

ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިއުކުރާ ތާރީހުން ފެށިގެން މި ގަވާއިދަށް އަމަލުކުރަން ފަށާނެކަމަށްސް އެމިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.