މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 72.55 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ މަލީ ހިސާބުތަކުން ދައްކައިފިއެވެ.

އެމްޓީސީސީން ވަނީ އެ ކުންފުނީގެ ފުރަތަމަ ކުއާޓަރުގެ މާލީ ނަތީޖާ އާންމުކޮށްފައެވެ.

އެމްޓީސީސީގެ މާލީ ނަތީޖާ ދައްކާގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 72.55 މިލިއަން ރުފިޔާ ވަނީ އެ ކުންފުންޏަށް ލިބިފައެވެ.

މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނަތީޖާއާއި އަޅާބަލާއިރު 16.40 އިންސައްތަ އިތުރު އަދަދެއް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ ޓެކުހަށް ކެނޑުމުގެ ކުރިން މިދިޔަ އަހަރު އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 61.67 މިލިއަން ރުފިޔާ ކަމަށެވެ.

އެމްޓީސީސީން ބުނީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުނިން ވަނީ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކޮށްފައި ކަމަށެވެ. އުމްރާނީ ތަރައްގީގެ 77 މަޝްރޫއެއްގެ މަސައްކަތްކުރެވި، 05 މަޝްރޫއެއްގެ މަސައްކަތް ކާމިޔާބުކަމާއިއެކު ނިންމާލާފައިވާ ކަމަށެވެ. އަދި 15 ޕްރޮޖެކްޓެއްގެ މަސައްކަތް މި ކުއާޓަރުގައި ފަށާފައިވާކަމަށް އެމްޓީސީސީގެ މާލީ ހިސާބުތަކުން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން އެ ކުންފުނީގެ އާންމު ވިޔަފާރި ދާއިރާއާއި ކުންފުނީގެ އެހެނިހެން ވިޔަފާރި ދާއިރާތަކަށް އަމާޒުކޮށް ތަފާތުއެކި މާކެޓިން ހަރަކާތްތަކެއްވެސް މިކުއާޓަރުތެރޭގައި ހިންގާފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އަދި އިންޓެގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ފުރަތަމަ ފިޔަވަހީގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރާއިއެކު ސޮއިކޮށް، މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިގަނެވިފައިވާކަން އެމްޓީސީސީން ފާހަގަކުރެއެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނިން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ވިޔަފާރި ފުޅާކޮށް، ހިންގުން ހަރުދަނާކުރުމަށް އަޅަޏްޖެހޭ އެންމެހާ ފިޔަވަޅުތަކާއި، އިސްތިރާޖީ ޕްލޭންތަށް އެކުލަވާލައި، މާކެޓުގެ ހާލަތު ބަދަލުވަމުންދާ ގޮތަށް ރިއާޔަތްކޮށް މުރާޖައާ ކުރަމުންދާ ކަމަށެވެ.

އަދި ކުންފުނީގެ ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ހާސިލްކުރަން ބޭނުންވާ ލަނޑުދަޑިތަކާއި މާލީ ނަތީޖާ ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ވަކިން ޚާއްސަކޮށް ކޮވިޑް-19 ގެ ހާލަތައް ބަލައި ފަރުވާތެރިކަމާއެކު ވިޔަފާރިތަކަށް މިހާލަތުގައި ގެންނަންޖެހޭ ބަދަލުތަށް ގެނެސް، ވިޔަފާރި ކުރިއަރުވާ، ކުންފުނީގެ މަޤްޞަދުތައް ޙާޞިލްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި، މިކަމުން ހާސިލްކުރަން ބޭނުންވި ނަތީޖާ ހާސިލްކުރެވިފައިވާ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.