ރާއްޖޭގައި މިހާރު ކުރިއަށްދާ އެޑެކްސެލް އިންޓަރނޭޝަނަލް އޭ ލެވެލް އިމްތިހާނުގެ ސުވާލު ކަރުދާސްތައް ލީކުވުމާއި ގުޅިގެން އޭލެވެލް އިމްތިހާން ކުރިއަށް ނުގެންދަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވީ މިހާތަނަށް އައިއިރު 3 ޕޭޕަރެއް ލީކުވެފައިވާ ކަމަށާއި ޕޭޕަރުތައް ލީކްވެފައިވަނީ ޓެސްޓް ހަދަން ކުދިން ދިޔުމުގެ ކުރިން ކަމަށެވެ.

ޕޭޕަރުތައް އެންމެ ފުރަތަމަ ލީކްވީ މިދިޔަ ހުކުރު ދުވަހުގައިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެދުވަހު އެޑެކްސެލްއާއި އެކު ބައްދަލުވުމެއް ބޭއްވި ކަމަށާއި އެ ބައްދަލުވުމުގައި އެޑެކްސެލް އިން ބޭނުންވީ ލީކުވި އަސްލު ޕޭޕަރުތޯ ކަށަވަރުކުރަން ކަމަށެވެ.

ދެ ޕޭޕަރެއް ލީކްވި ކަމުގެ މައުލޫމާތު އެޑެކްސެލް އިން އެޑިއުކޭޝަނަށް ކަށަވަރުކޮށްދިނީ އިއްޔެގެ ވަގުތެއްގައިކަން ފާހަގަކުރައްވާ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ އިތުރަށް ޕޭޕަރުތަކެއް ލީކުނުވާނެ ކަމުގެ ޔަގީންކަން އެޑެކްސެލްއިން ދީފައިވާ ކަމަށެވެ.

އެއީ އެ ބޭފުޅުންނަށް ޕޭޕަރުތައް ލީކްވާގޮތް ފާހަގަކުރެވިގެން އެކަންކަމަށް ބަދަލުތަކެއް ގެނެވުމާއި ގުޅިގެން އިތުރަށް ޕޭޕަރުތަކެއް ލީކުނުވާނެ ކަމަށް އަޅުގަނޑުމެންނަށް އޮތީ ޔަގީންކަންދީފަ. ނަމަވެސް މިއަދު ހެނދުނު އަޅުގަނޑުމެންނަށް މއިަދު މެންދު ހަދަމުންދާ ޕޭޕަރު އަޅުގަނޑުމެންނަށްވެސް ލިބިއްޖެ. އެހެންކަމުން މިކަމާއި ގުޅީގެން އަޅުގަނޑުމެން އަނެއްކާވެސް ހުރިހާ ޕްރިންސިޕަލުންނާއި ބައްދަލުކޮށް މިހާރު އަޅުގަނޑުމެން މި ނިންމަނީ މިހާރު މި ކުރިއަށްދާ އިމްތިހާނު ދަރިވަރުންނަށް ދެ އޮޕްޝަނެއް ހުށަހަޅަނީ."
އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ

އެގޮތުން އެޑެކްސެލް އިން ދިން ދެ ޗޮއިސަކީ މިހާރު އިމްތިހާނު ހަދަމުންދާ ކުދިން މިހާރުގެ ސީރީޒް އިން ވިތްޑްރޯކުރުމަށް ފަހު އަންނަ އޮކްޓޫބަރު/ނޮވެމްބަރު މަހުގެ ސީރީޒްއަށް ބަދަލުވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޕޭޕަރުތައް ލީކްވުމުން ހިނގަމުންމިދާ އިމްތިހާނުގެ ކްރެޑިބިލިޓީ އޮތީ ގެއްލިފައިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިހާރު ރާއްޖޭގައި އޭލެވެލް އިމްތިހާނު ހަދާ ކުދިންނަށް ދެ އޮޕްޝަނެއް ދީފައިވާކަމަށެވެ. އެގޮތުން މޭ/ޖޫން ގައި އެ ސްކޫލެއްގެ ޓީޗަރުން ހަދާ ޓީޗާ ބޭސް އެސެސްމަންޓް ތަކަށް ޓެސްޓު ހެދުން އެއީ އެއް އޮޕްޝަން ކަމަށާއި، އަނެއް އޮޕްޝަނަކީ ނޮވެމްބަރު/ޑިސެމްބަރުގެ އިމްތިހާނަށް މަޑު ކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިހުސާން ވިދާޅުވީ އޭލެވެލް ނިންމަން ބޭނުންވެފައިތިބި ދަރިވަރުންނަށް ދޭ ފުރުސަތަކީ ޓީޗާ ބޭސް އެސެސްމަންޓް މޮޑެލް ކަމަށެވެ.

މި އިމްތިހާނުގަ އެޑެކްސެލް އިން އެބަ ގެންގުޅޭ އެވިޑެންސްތަކެއް. އޭގެ ތެރެއިން އަޅުގަނޑުމެން މި އިޚްތިޔާރުކުރީ ސުވާލު ކަރުދާސްތައް. އެހެންނަމަވެސް ސުވާލު ކަރުދާހުގެ ޗޮއިސް އަޅުގަނޑުމެން މިހާރު މި ދޫކޮށްލީ. އޭލެވެލް ނިންމަން ބޭނުންވާ ކުދިންނަށް މިދެނީ އެސެސްމަންޓެއް. މި އެސެސްމަންޓް ހަދާނީ ސްކޫލްތަކުން. މީގެއިތުރުން އަޅުގަނޑުމެންނާ ހިއްސާކުރާނެ ދަރިވަރުން ހަދާފައިވާ މޮކް އެގްޒާމްގެ ނަތީޖާ ވެސް. އަދި ޓީޗަރުން މިހާރު ދަރިވަރުންނަށް ތައްޔާރުކޮށްފައިވާ ފޯކާސްޓް ގްރޭޑްތައްވެސް. އެ މާކްސްތަކާއި އެ އެވިޑެންސްތަކަށް ބެލުމަށް ފަހު ދަރިވަރުންނަށް އެޑެކްސެލްގެ ފަރާތުން ގްރޭޑެއް ދޭނެ. އެޑެކްސެލްގެ ސެޓްފިކެޓެއް ދަރިވަރުންނަށް ލިބިގެންދާނެ."
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިހުސާން

އޭ ލެވްލް އިމްތިހާނުގައި މާލެ އާއި އަތޮޅުތަކުން ޖުމްލަ 2821 ދަރިވަރަކު ބައިވެރިވެފަވާއިރު މީގެ ތެރޭގައި މާލޭގެ ސްކޫލްތަކުން 1890 ދަރިވަރުންނާއި، އަތޮޅުތަކުގެ ސްކޫލްތަކުން 931 ދަރިވަރުން ހިމެނޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.