އިންސާފު ލިބުމުގަ ލަސްވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ސަބަބުން ކަމަށް ގަބޫލުނުކުރެވޭ ކަމަށް އެ ކޮމެޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

ޖުޑިޝަރީ ކޮމެޓީގެ މުގައްރިރު މިފަދައިން ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ބައެއް ބިލްތައް ނިންމުން ލަސްވުމުގެ ސަބަބުން އިންސާފް ގާއިމްކުރުމަށް ހުރަސްއެޅޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކައުންސިލް އަލްއުސްތާޒް އަހްމަދު އަބްދުﷲ އަފީފް ވިދާޅުވުމާއި ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިމްތިޔާޒް ވިދާޅުވީ، ސަރުކާރުން ފޮނުވަން ބުނި 33 ބިލުގެ ތެރޭގައި އިންސާފު ގާއިމުކުރުމާއި ގުޅޭ ބިލުތަކާއި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމާއި ހެއްކާއިބެހޭ ބިލާއި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލުވެސް ހިމެނޭ ކަމަށެވެ.

އެހެންކަމުން އިންސާފު ލިބުން ލަސްވަނީ ކޮންދިމާލަކުންތޯ ބަލާއިރު ޖުޑީޝަރީ ކޮމިޓީގެ މަސައްކަތްތައް ކުރިއަށްގެންދާ ގޮތުން އެކަން ލަސްވެގެންދާކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް އިމްތިޔާޒް ވިދާޅުވިއެވެ.

ހުށަހެޅޭ ބިލުތައް ފާސްކޮށްދެމުން އަޅުގަނޑުމެންމިދަނީ. އަޅުގަނޑުމެން އަދި ބޭނުންވިޔަސް ނުވިޔަސް ސަރުކާރުން އެހާ ބޮޑަށް ބާރުއަޅުއްވާ ކަންކަމުގަ އަޅުގަނޑުމެން ވީހާޥެސް ބޮޑަކަށް އެއްބާރުލުންދީގެން އެ މަސައްކަތް ކުރެވޭތޯ އެބަބަލަން. މަދަނީ އިޖުރާޢަތުގެ ބިލު ފާސްކުރުން ލަސްވެފަވާތީ އިންސާފު ނުލިބޭ ކަމަށް ސަރުކާރުގެ ލީގަލް ކައުންސިލް ވިދާޅުވުމަކީ ނުހަނު ކަންބޮޑުވާ ކަމެއް.
ޖުޑިޝަރީ ކޮމެޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ

ޖުޑިޝަރީ ކޮމެޓީގެ މަސައްކަތްތައްދަނީ ބާރަށް ކަމަށާއި ސަރުކާރުން ފޮނުއްވާ ބިލުތަކަށް ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް ކޮމެޓީން އަބަދުވެސްދޭ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

ގާނޫނުތައް ހަދަމުންދާކަން ފާހަގަކުރައްވާ މުގައްރިރު ވިދާޅުވީ އެއީ ސަރުކާރުން ހަދަން ފޮނުވާ ގާނޫނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފޮނުއްވާ ބިލުތައްވެސް މީގެތެރޭގައި ހިމެނޭ ކަމަށެވެ.

މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ޖުޑިޝަރީ ކޮމެޓީން މިހާރުވެސް ވާނީ ކޮށްފަ. ޕެންޑަމިކްގެ މިހާލަތުގައިވެސް އޮންލައިންކޮށް ބައްދަލުވުންތައް ބާއްވާ ގިނަ ރިޕޯޓުތަކެއް އެކުލަވާލާ ސަރުކާރަށް ލަފާވެސް ހުށަހަޅާފަވާނެ."
ޖުޑިޝަރީ ކޮމެޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ

ސަރުކާރުން ބޭނުންވާ ކޮންމެ ޖާގައެއް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ދޭ ކަމަށާއި އެހެންކަމުން ކޮމެޓީގެ ބޭފުޅުންގެ އިސްތަށިފުޅުގަ ހަގީގަތާ ޚިލާފު ދޮގު އިލްޒާމް ސަރުކާރުން ނޭޅުމަށް ކޮމެޓީގެ މުގައްރިރު ވަނީ އެދިވަޑައިގެންފައެވެ.