• އެކްޓިވް ކޭސްގެ އަދަދު 6،033 އަށް މައްޗަށް، ހޮސްޕިޓަލްތަކުގަ 173 މީހުން
  • މިހާތަނަށް ވެކްސިންޖެހި މީހުންގެ އަދަދު 297،639 އަށް
  • މިހާތަނަށް ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 108،494 އަށް

ރާއްޖެއިން އިތުރު 585 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓު ކުރެވުނީ 4،255 ސާމްޕަލް ކަމަށެވެ. އޭގެތެރެއިން ޕޮޒިޓިވްވީ 585 ސާމްޕަލްއެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 397 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 160 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ. 11 މީހުން ނިސްބަތްވަނީ ރިސޯޓްތަކަށެވެ. 2 މީހަކު ނިސްބަތްވަނީ އަލަށް ތަރައްގީކުރާ ރަށަކަށެވެ. 15 މީހުން ނިސްބަތްވަނީ ސިނާއީ މަސައްކަތްކުރާ ރަށްތަކަށެވެ.

އަލަށް ޕޮޒިޓިވްވި 585 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 31،330 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 146 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 25،214 އަށް އަރާފައެވެ.

އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 6،033 ގައެވެ. މީގެތެރެއިން 173 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

ކޮވިޑް ބައްޔަށް ވެކްސިން ދިނުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން އިއްޔެ 678 މީހަކަށް ފުރަތަމަ ޑޯޒް އަދި 5،905 މީހަކަށް ވެކްސިންގެ ދެވަނަ ޑޯޒް ދީފައިވެއެވެ.

މިއާއެކު، ރާއްޖެއިން މިހާތަނަށް ކޮވިޑް ވެކްސިންޖެހި މީހުންގެ އަދަދުވަނީ 297،639 އަށް އަރާފައެވެ. ދެވަނަ ޑޯޒްޖެހި މީހުންގެ އަދަދުވަނީ 108،494 އަށް އަރާފައެވެ.