ކޮވިޑް ބަލިން ރައްކާތެރިވުމަށް މުޅި ރާއްޖޭގައި ޚާއްސަ ފިޔަވަޅުތަކެއް އަޅަން އަންގައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ އާންމު ކުރެއްވި އެންގުމުގައި، މެއިމަހުގެ 5 އިން 15 އަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަން އަންގަވާފައި ވެއެވެ.

އެގޮތުން، އެންގުމުގައި ހިމެނެނީ؛ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅުގެ ޕާކްތަކާއި، މައިޒާންތަކާއި، ކުޅިވަރުކުޅޭ ތަންތަނާއި، ދުވާ ޓްރެކްތަކާއި، ސްވިމިންގ ޓްރެކްތައް ބަންދުކުރުމުގެ އިތުރުން، މާލެ ސަރަހައްދުގައި ކުޅިވަރު ކުޅުމާއި، ކުޅިވަރު މުބާރާތްތައް ހުއްޓާލުމެވެ.

މީގެއިތުރުން، މާލެ ސަރަހައްދުގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރުމާއި، ހުއްދައާއެކު ޟަރޫރީ ބޭނުންތަކަށް ފިޔަވައި، މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓާލުމަށްވެސް އަންގަވާފައި ވެއެވެ.

އަދި މާލެއިން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުވުމަށްވެސް އެންގުމުގައި ވެއެވެ.

ހުއްދައާއެކު ޟަރޫރީ ބޭނުންތަކަށް ފިޔަވައި، ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށަށް ދަތުރުކުރުމާއި، އެ ރަށްރަށުން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓާލުންވެސް އެންގުމުގައި ވެއެވެ. ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުމަށްވެސް އެންގުމުގައި ވެއެވެ.

މީގެއިތުރުން، އިންޑިއާއިން ދިވެހިރާއްޖެއަށް އަންނަ ދިވެހިންނައި، ވާރކްޕާމިޓް ހޯލްޑަރުން 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ފުރިހަމަކޮށް ޕީސީއާރް ޓެސްޓް ހެދުމާއި، ވެކްސިންގެ ދެޑޯޒް ފުރިހަމަ ކުރުމުން ދަތުރު ކުރުމަށް ދެވިފައިވާ ލުއިތައް މެދުކަނޑާލުމަށްވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމުގައި ވެއެވެ.

މާލެ ސަރަހައްދުގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރި ނަމަވެސް، ސިފައިންނާއި، ފުލުހުންނައި، ސިއްހީ ޚިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު، އެމްބިއުލެންސް، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސްލިބިފައިވާ ފަރާތްތަކާއި، އިމަޖެންސީކޮށް ސިއްހީ ޚިދުމަތް ހޯދާންޖެހޭ ފަރާތްތައް އިސްތިސްނާވާނެ ކަމަށް އެންގުމުގައި ވެއެވެ.

މިފިޔަވަޅުތައް އަޅަން ނިންމާފައިވަނީ ސަރުކާރާއި، އެޗްޕީއޭއާ ދެމެދު މިއަދު ބޭއްވި މަޝްވަރާތަކަށް ފަހުގައެވެ.

މީގެ ބައެއް ފިޔަވަޅުތައް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމުގައި ހާމަކުރައްވާފައި ވީނަމަވެސް، ކޮވިޑާ ގުޅިގެން އަޅަން ނިންމި އިތުރު ފިޔަވަޅުތައް މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ހާމަކުރެއްވިއެވެ.

އެގޮތުން، ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި ހިމެނެނީ، ސްކޫލްތަކުގައި އޮންލައިންކޮށް ކިޔަވައިދިނުމާއި، މެއި 5 އިން 15 އަށް ސަރުކާރުގެ ހުރިހާ އޮފީސްތައް ބަންދުކުރުމާއި، ގޭގައި ތިބެގެން ކުރެވޭ އޮފީހުގެ ހުރިހާ މަސައްކަތެއް އެގޮތަށް ކުރުމާއި، މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާއަތް ހެދުމާއި، މާސްކް އެޅުމާއި، އަމިއްލަ މުސައްލަ ހިފައިގެން މިސްކިތަށް ދިއުމެވެ.