• ފިޝަރީޒްގެ ބަދަލުގައި ޒަހާއަށް ރައީސް އޮފީހުގެ މިނިސްޓަރުކަން

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު މަގާމުން ވަކި ކުރައްވައިފިއެވެ.

މައުލޫމާތު ލިބޭގޮތުގައި، މިނިސްޓަރ ޒަހާ މަގާމުން ވަކި ކުރެއްވިކަން އަންގަވާފައިވަނީ (މިރޭ) ހޯމަދުވަހުގެރޭގެ ވަގުތެއްގައެވެ. މިކަން ރައީސް އޮފީހުން ޒަހާއަށް މިހާރު އަންގަވާފައިވާ ކަމަށް ވެއެވެ.

ފިޝަރީޒް މިނިސްޓަރުކަމުން ވަކިކުރައްވައި ޒަހާ ވަހީދު ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމަށް އައްޔަން ކުރައްވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް، ފިޝަރީޒް މިނިސްޓަރުކަމުން ޒަހާ ވަހީދު ވަކި ކުރެއްވި ސީދާ ވަކި ސަބަބެއް އަދި ސާފުވާގޮތެއް ނުވެއެވެ.

މިކަމާ ގުޅޭގޮތުން ރައީސް އޮފީހުން އަދި އެއްވެސް އެއްޗެއް ހާމައެއް ނުކުރެއެވެ.

ނަމަވެސް، ސަރުކާރުގެ ހިންގުމަށް ބަދަލު ގެނައުމަށް ކޯލިޝަން ލީޑަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށް އާދީއްތަދުވަހު ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފރެންސްގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ.

މަބްރޫކް އަޒީޒް ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ބައެއް ސަރަހައްދުތަކުގެ ނަތީޖާ ދެއްކިގޮތުން ސަރުކާރުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭކަން ހާމަވެގެން ހިނގައްޖެ ކަމަށާއި، ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ހާމަވެގެން ގޮސްފައިވާކަމަށެވެ.

އެހެންކަމުން މިކަންކަމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ލީޑަރުންނާއެކު މަޝްވަރާ ކުރައްވަމުންދާ ކަމަށް މަބްރޫކް ވިދާޅިއެވެ.

މިހާރު ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް އަންނަތަން ކުރިއަށްހުރި މަސްތަކުގެ ތެރޭގައި ފެނިގެންދާނެ ކަމަށާއި، އެންމެ ބޮޑު އިސްކަމެއް ދޭނީ ޚިދުމަތްތަކަށް ބަދަލު ގެނައުމަށް ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މިމަސައްކަތްތައް ކުރުމުގައި ސަރުކާރު ކޯލިޝަންގެ ތެރޭގައި އޮތް ގުޅުމަށް ބުރުލެއް އެރިޔަނުދީ، ބަދަލުތައް ގެނައުމަށް އިސްކަމެއް ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރުގެ ހިންގުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން ފިޝަރީޒް މިނިސްޓަރުކަމުން ޒަހާ ވަހީދު ވަކި ކުރައްވާނެ ކަމަށް މީޑިއާއިން ކުރިންވެސް ގެންދިޔައީ ރިޕޯޓްކުރަމުންނެވެ. ސަބަބަކީ، މަސްވެރިންނަށް ދިމާވެފައިވާ ގިނަގުނަ މައްސަލަތަކަށް މިނިސްޓަރ ޒަހާއަށް އެދެވޭ ހައްލެއް ހޯއްދަވައި ދެއްވިފައި ނުވާތީ ކަމަށް ބުނެއެވެ.

މިފަދަ މައްސަލަތަކާ ގުޅިގެން މިނިސްޓަރ ޒަހާ އެތައް ފަހަރެއްގެ މަތީންވަނީ ރައްޔިތުންގެ މަޖިލީހަށް ހާޟިރުކޮށް ސުވާލުވެސް ކޮށްފައެވެ.

ޒަހާ ވަހީދު ފިޝަރީޒް މިނިސްޓަރުކަމުގެ މަގާމު ފުރުއްވަމުން ގެންދެނީ، ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ މައުމޫން ރިފޯމް މޫވްމަންޓްގެ ސްލޮޓެއްގައެވެ.

ޒަހާ ވަކި ކުރެއްވުމަށްފަހު އެ މަގާމަށް އައްޔަން ކުރައްވާނީ މިހާރު އެންވަޔަރަންމަންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ހުސައިން ރަޝީދު ހަސަން ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓްތަކުން ބުނެފައި ވެއެވެ.