ކޮވިޑް-19އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ، "ރިހޭ ފައި މައްޗަށް ފޮއި" ވައްޓާލީ ގަސްތުގައިކަމަށް އައްޝެއިޚް އަލީ ޒައިދް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ރެކޯޑް އަދަދަކަށް މައްޗަށް އަރާފައިވާއިރު، މިކަމާއި ގުޅިގެން ޝެއިހް ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދު މި ފެންނަނީ ލޯކަލް ކައުންސިލް އިންތިހާބާއި ގުޅިގެން ދެކޮޅު އެޅި ނުޖެހޭ ފިޔަވަޅުތަކެއްގެ ނަތީޖާ ކަމަށެވެ.

ޝެއިހް ޒައިދް ވިދާޅުވީ ވޯޓާއި ގުޅިގެން ރިހޭ ފައި މައްޗަށް ފޮއި ވައްޓާލީ ގަސްތުގައިކަމަށެވެ. އޭރުވެސް އަދި މިހާރުވެސް މިހެން ވާނެކަމަށް ގިނަ ބަޔަކު ލަފާކުރިކަމަށް ޝެއިހް ޒައިދް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރެކޯޑް އަދަދަކަށް މައްޗަށް އަރާފައިވާއިރު، އިއްޔެ އެކަނިވެސް 585 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެެއެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 397 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 160 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ. 11 މީހުން ނިސްބަތްވަނީ ރިސޯޓްތަކަށެވެ. 2 މީހަކު ނިސްބަތްވަނީ އަލަށް ތަރައްގީކުރާ ރަށަކަށެވެ. 15 މީހުން ނިސްބަތްވަނީ ސިނާއީ މަސައްކަތްކުރާ ރަށްތަކަށެވެ.

އަލަށް ޕޮޒިޓިވްވި 585 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 31،330 އަށް އަރާފައެވެ. އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 6،033 ގައެވެ. މީގެތެރެއިން 173 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.