އިންސާނީ ވަގުފާރިއަކީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ހުރި ބޮޑު ގޮންޖެހުމެއް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިފަދައިން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ފާހަގަކުރި ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން އެމްއެންޑީއެފްގެ އައްޑަނަ މަޖައްލާއަށް ލިޔުއްވި "މިނިސްޓަރގެ ގަލަންކޮޅު" ލިޔުމުގައެވެ.

މި ލިޔުމުގައި މިނިސްޓަރ ވަނީ މަސައްކަތްތެރިންގެ ދުވަހަކީ، ދުނިޔޭގެ މުޖްތަމައުތައް ބިނާކުރުމުގައި އަމަލީގޮތުން ހަރަކާތްތެރިވާ މުރާލި މަސައްކަތްތެރިންގެ އަގުވަޒަންކޮށް، އެމީހުންގެ ހައްގުތައް ރައްކާތެރިކޮށް، ކަށަވަރުކޮށްދޭން ބާރުއަޅާ ދުވަސްކަން ފާހަގަކުރައްވާފައެވެ.

މަސައްކަތްތެރިންގެ ދުވަސް ކޮންމެ ދުވަހަކުވެސް ފާހަގަކުރާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްތެރިންގެ ހައްގުތައް ދަނީ، އެކި ސިފަސިފައިގައި ނިގުޅައިގަނެވެމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ތެރެއިން ހިއުމަން ޓްރެފިކިންގ ނުވަތަ އިންސާނީ ވަގުފާރިއަކީ އެކަމަށް ހުޅުވިފައިވާ އެއް ދޮރު ކަމަށާއި، އިންސާނީ ވަގުފާރިއަކީރާއްޖޭގެ ޤައުމީ ސަލާމަތަށް ވެސް ހުރި ބޮޑު ގޮންޖެހުމެއް ކަމަށް މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ.

އިންސާނީ ވަގުފާރިއާ ދެކޮޅަށް މި ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތައް ވިލަރެސްކުރުމުގެ ޒިންމާ ޙަވާލުކުރައްވާފައިވާ ވަޒީރުގެ ޙައިސިއްޔަތުން މިނިސްޓަރ މާރިޔާ ވިދާޅުވީ، އެމްއެންޑީއެފްގެ ހަރުދަނާ ލީޑަރޝިޕުގެ އިރުޝާދުގެ ދަށުން، މިގޮންޖެހުމާ ކުރިމަތިލުމުގައި މިހާރެކޭ އެއްފަދައިން، ކަމާބެހޭ ފަރާތްތަކަށް ފުރިހަމަ އެއްބާރުލުން ދެމުން ގެންދިޔުމަކީ ކުރައްވާ އުންމީދެއް ކަމަށެވެ.

މީގެ އިތުރުން ދިވެހި ޤައުމާއި ރައްޔިތުންގެ ހައްޤުގައި، ސިފައިން އަވަދިނެތި ކުރާ ބުރަ މަސައްކަތާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ރައްޔިތުންނަށް ވީހާވެސް ތާޒާކަމާއެކު ފޯރުކޮށްދޭން އެމްއެންޑީއެފުން ދާދިފަހުން އާ ވެބްސައިޓެއް ލޯންޗުކޮށްފައިވާކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.