ގްލޯބަލް ޓްރެވަލް އެސެސްމަންޓް ސިސްޓަމް (ޖީޓީއޭއެސް) މެދުވެރިކޮށް މައުލޫމާތު ހިއްސާކުރަން ފެށުމުން ބޯޑަރ ސެކިއުރިޓީ ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާ ވެގެންދާނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން އިއްޔެ ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މޯލްޑިވްސް އިމިގްރޭޝަނަށް ޖީޓީއޭއެސް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ. އަދި މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސެއިން އެވެ.

ކަސްޓަމްސްއިން ބުނީ މި އެއްބަސްވުމުގެ މައިގަނޑު މަޤްސަދަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ޤާއިމްކުރެވިފައިވާ މި ސިސްޓަމް މެދުވެރިކޮށް އެޑްވާންސް ޕެސެންޖަރ އިންފޯމޭޝަން އަދި ޕެސެންޖަރ ނޭމް ރެކޯޑްސް މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މޯލްޑިވްސް އިމިގްރޭޝަންއާއި ޙިއްސާކުރުން ކަމަށެވެ. މީގެ ސަބަަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި، ބޯޑަރު ސެކިއުރިޓީ ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާވެ، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މޯލްޑިވްސް އިމިގްރޭޝަން އާއި ކަސްޓަމްސްއާއި ދެމެދު ފަސޭހަކަމާއިއެކު މަޢުލޫމާތު ބަދަަލުކުރެވޭނެކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

މި ނިޒާމް ޤާއިމްކުރުމުގެ ސަބަބުން ޓެރަރިޒަމް، މަނީ ލޯންޑަރިންގް އަދި ހިއުމަން ޓްރެފިކިންގް ފަދަ ކުށްތައް ހުއްޓުވުމާއި، މަސްތުވާތަކެއްޗާއި ރާއްޖެ އެތެރެކުރުން މަނާތަކެތި އެތެރެވުމާއި ބޭރުވުން ހުއްޓުވައި އަދި އެނޫނަސް ގާނޫނާއި ގަވައިދާއި ޚިލާފު ހަރަކާތްތަކަށް ފާރަވެރިވެވިގެންދާނެ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

ބައިނަލްއަގުވާމީ ވިޔަފާރިއާއި ދަތުރުފަތުރަށް ރައްކާތެރި އަދި ލުއިފަސޭހަ މާހައުލެއް ގާއިމްކޮށްދިނުމާއި ގާނޫނާއި ގަވައިދުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ. އަދި، މި ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުން ކަމާ ގުޅުންހުރި ސަރުކާރުގެ އިތުރު އިދާރާތަކާއިއެކު މިފަދަ އެއްބަސްވުންތަކުގައި ސޮއިކުރެވިގެންދާނެކަމަށް ވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

ޖީޓީއޭއެސް އަކީ ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާ އާއި ޔޫ.އެސް ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަން ގުޅިގެން ޔޫ.އެން ސެކިއުރިޓީ ކައުންސިލްގެ ރިޒޮލިއުޝަން 2178 އާއި 2396 އަށް ރިއާޔަތްކޮށް އެޑްވާންސް ޕެސެންޖަރ އިންފޯމޭޝަން (އެޕީއައި) އަދި ޕެސެންޖަރ ނޭމް ރެކޯޑްސް (ޕީއެންއާރު) އެސެސްކޮށް އެނެލައިޒްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ސިސްޓަމެކެވެ.