ފާއިތުވި 2 ހަފްތާ އިން ފެށިގެން، ކޮވިޑް ޖެހިގެން އެޑްމިޓްކުރާ މީހުންގެ އަދަަދު 3 ގުނަ އިތުރުވެފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރ، އެޗްއީއޯސީން ބުނެފިއެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިޖީއެމްއެޗްގެ ކޮންސަލްޓަންޓް ރޭޑިއޮލޮޖިސްޓް، ޑރ. ފާތިމަތް މުފްލިހާ ވަނީ، މިހާރު މި ފެންނަނީ ކޮވިޑްގެ ނަމްބަރުތައް ވަރަށް ބޮޑަށް މައްޗަށްދާތަންކަމަށް ވިދާޅުވެފައެވެ. އެގޮތުން ހޮސްޕިޓަލްތަކުގައި އެޑްމިޑްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް އިތުރުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ ދެ ހަފްތާކުރިން އެޑްމިޓްކޮށްގެން ފަރުވާ ދިނީ 60 ވަރަކަށް މީހުންނަށްކަން ފާހަގަކުރައްވާ ޑރ. މުފްލިހާ ވިދާޅުވީ، މިއަދަދު ދެ ހަފްތާތެރޭ ތިން ގުނަ މަތިވެެފައިވާ ކަމަށެވެ. އަދި މިގޮތަށް އަދަދުތައް މަތިވާނަމަ، ސިއްހީ ނިޒާމަށް ދަތިތަކެއް އައުން އެކަށީގެންވާ ކަމަށްވެސް ޑރ. މުފްލިހާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިހާރު އިންޑިއާއިންވެސް ފެންނަގޮތުން ވެއްޖިއްޔާމު ހަމަ އެހާލަތުގަ މި އޮތީ. އަޅުގަނޑުމެން އެއްވެސް ބޭފުޅަކު އެ ހާލަތަށް ދިއުމަސް ބޭނުން ނުވާނެކަމަށްވެސް ގަބޫލުކުރަން. އަޅުގަނޑުމެންގެ ބެޑް ކެޕޭސިޓީގަ މިހާރު 160 އާ ގާތްކުރާ ވަރަކަށް އެޗްއެމްއެފްގަވެސް މި ހުރީ އެޑްމިޓް ކުރެވިފަ. އައިސީޔޫ ބެޑްވެސް ޑީއެޗްގަ މިހާރު 50 ޕަސެންޓާއި ގާތްކުރާ ވަރަކަށް އޮކިއުޕެންސީ އެބަހުރި"
އައިޖީއެމްއެޗްގެ ކޮންސަލްޓަންޓް ރޭޑިއޮލޮޖިސްޓް، ޑރ. ފާތިމަތް މުފްލިހާ

ޑރ. މުފްލިހާ އިތުރަށް ވިދާޅުވީ، ބަލީގައި ބޮޑުވަރުވާ މީހުންގެ އަަދަދުވެސް އިތުރުވެފައިވާކަމަށާ މި ހުރިހާ ކަމަކުންވެސް އެގިނގެންދަނީ ރާއްޖޭގެ ހާލަތު ގޯހުން ގޯހަށް ދާކަންކަމަށެވެ.

ނަމްބަރުތައް މަތިވެގެންދާނަމަ، ރާއްޖޭގައިވެސް އެހެން ގައުމުތަކެކޭ އެއްފަދައިން އައު ވޭރިއަންޓެއް އުފެދުމަކީވެސް ވަރަށް ގާތްކަމެއްކަމަށް ޑރ. ވިދާޅުވިއެެވެ. އެހެންކަމުން ނަމްބަރުތައް ތިރިކުރުމަށް އެންމެން އެކީ މަސައްކަތްކުރުމަށް ޑރ. މުފްލިހާ ވަނީ ގޮވާލައްވާފައެވެ. އެގޮތުން ނިއު ނޯމަލްގެ އާދަތަކުގައި ހިފާ، ވެކްސިން ޖެހުމުގެ މުހިންމުކަން ޑރ. މުފްލިހާ ފާހަގަކުރެއްވިއެވެ.

ކޮވިޑްގެ ނަމްބަރުތައް ތިރިކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ވެކްސިން ޖެހުމާއި، ރަނގަޅަށް މާސްކު އެޅުމާއި، ގައިދުރުކޮށް އުޅުންކަމަށް ޑރ. މުފްލިހާ ވިދާޅުވިއެެވެ.