ރާއްޖޭގައި މިވަގުތު ހުރި ކޮވިޝީލްޑް ވެކްސިންގެ ޑޯޒްތައް މަދުކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިފަދައިން ވިދާޅުވީ ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.

މަބްރޫކް ވިދާޅުވީ ރާއްޖޭގައި ޖަހަމުންގެންދާ ވެކްސިންގެ ސްޓޮކްގެ މަދުކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ހެލްތް މިނިސްޓްރީންވެސް ފާހަގަކޮށްފައިވާކަމަށެވެ. ރާއްޖޭގައި މިވގުތު ހުރީ ކިހާ އަދަދެއްގެ ވެކްސިނެއްކަމެއް މަބްރޫކް ހާމަކުރައްވާފައެއް ނުވެއެވެ.

ރާއްޖޭގައި ހުރި ވެކްސިން ޑޯޒްގެ ސްޓޮކް މަދުކަން މަބްރޫކް ހާމަކުރައްވާފައިމިވަނީ ރާއްޖޭގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. އަދި އިންޑިއާއިން ފެންނަ ކޮވިޑް-19ގެ ކޭސްތައް އިތުރުވެ، އިންޑިއާއިން ވެކްސިން އެތެރެކުރުން ހުއްޓާލާފައިވާ ވަގުތެއްގައެވެ.

އިންޑިއާއިން ވެކްސިން އެތެރެކުރުން ހުއްޓާލާފައިވީނަމަވެސް ރާއްޖެއަށް ވެކްސިން ލިބުމުގައި އެއްވެސް ދަތިކަމެއް ނޫޅޭނެ ކަމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝާހު މާހިރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ރާއްޖޭގެ އެންމެންނަށް ވެކްސިން ޖެހޭ މިންވަރަށް ކުރިއަށް އޮތް ތަނުގައި ވެކްސިން ޝިޕްމެންޓުތައް ލިބޭނެ ކަމަށް ވެސް ސްޓޭޓް މިނިސްޓަރ ޝާހު ވިދާޅުވިއެވެ.