‎މިނިސްޓަރ އޮފް ހެލްތުގެ ނައިބުގެ މަގާމުން ދެ ބޭފުޅަކު ވަކިކުރައްވައިފިއެވެ.

ހެލްތުގެ ނައިބުގެ މަގާމުން ރައީސުލްޖުމްހޫރިއްޔާ ވަކިކުރެއްވީ އަލްއުސްތާޛާ ޝިޔާމާ މުޙައްމަދު އާއި ނިޝާމާ މުޙައްމަދު އެވެ.

ރައީސް އޮފީހުން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

މި ދެ ބޭފުޅުން ތިއްބެވީ، ކޮވިޑް-19 ގެ ހަރަދުތައް ކުރުމުގައި ހިންގާފައިވާ ކޮރަޕްޝަންތަކާ ގުޅިގެން މަގާމުގެ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށްފައެވެ.

ޝިޔާމާ އާއި ނިޝާމާ މުސާރަ ހިނގާ ގޮތަށް ސަސްޕެންޑް ކުރީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު އެވެ.

ނިޝާމާ އާއި ޝިޔާމާ މަގާމުން ވަކިކޮށްފައިވަނީ ވެންޓިލޭޓަރު ހިޔާނާތާ ގުޅިގެން ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދިޔަ ހާއްސަ އޮޑިޓަށް ފަހު އެކުލަވާލާފައިވާ ރިޕޯޓްގައި އެ ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް ލަފާ ދީފައި ވަނިކޮށެވެ.

ނިޝާމާ އަކީ ބިޑް ކޮމިޓީގެ ޗެއާޕާސަން އެވެ. ވެންޓިލޭޓަރުތަކުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޝިޔާމާ އެވެ.

ވެންޓިލޭޓަރުތައް ރާއްޖެ އަށް ލިބިފައި ނުވާތީ ސަރުކާރުން ހޭދަކުރި ފައިސާ އަނބުރާ ހޯދުމަށް އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅަން ވެސް ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ.