މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ޖެހުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ މާލެ ސަރަޙައްދުގައި ކޮވިޝީލްޑް ވެކްސިން ޖެހުން މިއަދުން ފެށިގެން ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

އަލުން ފެށޭ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކޮވިޝީލްޑް ވެކްސިން ޖެހުން ހުއްޓާލަން އެޗްޕީއޭއިން ނިންމާފައިމިވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަމުންގެންދާ ދަނޑިވަޅެއްގައެވެ. އަދި ރާއްޖޭގައި ހުރި ވެކްސިން ޑޯޒްތަކުގެ ސްޓޮކް މަދުކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެފައިވާ ވަގުތެއްގައެވެ.

އެޗްޕީއޭގެ މި ނިންމުމާއެކު ރާއްޖޭގައި ދެން ޖަހަމުންގެންދާނީ ސިނޮފާމް އަދި ފައިޒަރ ވެކްސިންއެވެ.

އިންޑިއާއިން ފެންނަ ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ އެ ގައުމުން ވެކްސިން އެތެރެކުރުން ވަނީ މެދުކަނޑާލާފައެވެ.

އިންޑިއާއިން ވެކްސިން އެތެރެކުރުން މެދުކަނޑާލާފައި ވީނަމަވެސް ރާއްޖެއަށް ވެކްސިން ލިބުމުގައި އެއްވެސް ދަތިކަމެއް ނޫޅޭނެ ކަމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝާހު މާހިރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.