ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް، އެއްބަސްވި މުއްދަތުގައި ފޯރުކޮށް ނުދެވުމުން އެއްބަސްވުން ބާތިލްކޮށް، މައްސަލަ އާބިޓްރޝަނަށް ހުށަހެޅުމަށް ނިންމައިފިއެެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވަ ބަޔާނެއްގައި ބުނެފައިވަނީ، ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ހެލްތާއި އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ ދެމެދު 2 އޭޕްރިލް 2020ގައި ވެފައިވާ އެއްބަސްވުމުގައި، އެޑްވާންސް ޕޭމަންޓް ހަދާތާ 29 މަސައްކަތު ދުވަހުގެ ތެރޭގައި މުދާ ފޯރުކޮށްދޭންވާނެކަމުގައި ބަޔާންކޮށްފައިވީ ނަމަވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެފަރާތުން މުދާފޯރުކޮށްދީފައި ނުވާކަމަށެވެ.

އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ސަޕްލަޔަރ މުދާ ފޯރުކޮށްނުދީފިނަމަ އެއްބަސްވުން ބާޠިލުކުރެވިދާނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާތީ، އެއްބަސްވުމުގައިވާ ގޮތަށް އެ ކުންފުނިން ހުރިހާ މުދާ ފޯރުކޮށްދީފައި ނުވާތީ އެއްބަސްވުން ބާޠިލުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހެލްތުން ވަނީ 2 މޭ 2021 ގައި އެ ކުންފުންޏަށް "ޓަރމިނޭޝަން ނޯޓިސް" ފޮނުވާފައިކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

އެއްބަސްވުން ބާތިލުކުރާ ދުވަހާ ހަމަޔަށް މުދާ ފޯރުކޮށްދީފައިނުވާނަމަ، އެ މުދާ ފޯރުކޮށްދިނުމަށް އެހާތަނަށް ދައްކާފައިވާ ފައިސާ އަނބުރާ ރައްދުކޮށްދޭންވާނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއިން ފޯރުކޮށްދީފައިނުވާ މުދަލަށް އެޑްވާންސްކޮށް ދައްކާފައިވާ ފައިސާއާއި އެއްބަސްވުމާ އެއްގޮތަށް މުދާ ފޯރުކޮށްނުދިނުމުގެ ސަބަބުން ލިބިފައިވާ ސީދާ ގެއްލުމުގެ ބަދަލު އެ ކުންފުނިން ސަރުކާރަށް ނުދައްކައިފިނަމަ އެ ފައިސާ ހޯދުމުގެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފަވާކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

އެއްބަސްވުމުގައިވާ ގޮތުން، އެއްބަސްވުމުގެ ދަށުން އުފެދޭ މައްސަލަތައް ހައްލުކުރާނީ އާބިޓްރޭޝަން މެދުވެރިކޮށެވެ. އާބިޓްރޭޝަން ހިންގާތަނަކީ ދިވެހިރާއްޖެއެވެ. އަދި އަމަލުކުރެވޭނީވެސް ދިވެހިރާއްޖޭގެ ޤާނޫނަށެވެ. އާބިޓްރޭޝަން ހިންގާނީ މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގައެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގައި މައްސަލަ ބެލުމަށް ރަޖިސްޓްރީވެފައިވަނީ ރާއްޖޭގެ ބޭރުގެ ތަޖުރިބާކާރު އާބިޓްރޭޓަރުންނެވެ. އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއަކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ރަޖިސްޓްރީވެފައިވާ ކުންފުންޏެއް ކަމަށްވާތީ، ދިވެހިރާއްޖެއާއި ބޭރު ޤައުމެއްގެ ކުންފުންޏަކާ ދެމެދު ހިންގޭ އާބިޓްރޭޝަންގެ މައްސަލައަކީ "އިންޓަރނޭޝަނަލް އާބިޓްރޭޝަން" ގެ މައްސަލައެއްކަން އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.