ބޮޑެތި ކުށްތަކުގައި ޝާމިލުވާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާނުލެވި ތަކުރާރުކޮށް ކުށަށް އަރައިގަންނަމުންދާތީ އެފަދަ ފަރާތްތައް ފަސޭހަކަމާއެކު ޑީޕޯޓްކޮށްލެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުމަށް މޯލްޑިވްސް އިމިގްރޭޝަނާއެކު ފުލުހުން މަޝްވަރާކޮށްފިއެވެ.

ފުލުހުން ބުނީ މިމަޝްވަރާގެ ބައްދަލުވުން ބޭއްވީ އިއްޔެގެ ވަގުތެއްގައި އިސްކަންދަރު ބިލްޑިންގގައި ކަމަށެވެ.

މި ބައްދަލުވުމުގައި މާލެ ސިޓީ ޕޮލިސްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް އާއި މާލެ ސިޓީގެ ޕޮލިސް ސްޓޭޝަންތަކުގެ އިސްވެރިންނާއި ޖެނެރެލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް އަދި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ އިސްވެރިން ބައިވެވެޑައިގަތް ކަމަށް ފުލުހުން ބުނެއެވެ.

މި ބައްދަލުވުމުގައި ބިދޭސީން ކުށުގެ ވެށީގައި ހަރަކާތްތެރިވަމުންދާ ގޮތާއި އެމީހުންގެ ފަރާތުން މުޖުތަމައަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައުލޫމާތު ހިއްސާކޮށްފަ ވާއިރު ލޯނަރު ވަގަށް ނެގުމާއި، މަސައްކަތްކުރާ ސައިޓްތަކުގައި ހުންނަ އިލެކްޓްރިކް ސާމާނުފަދަ ތަކެއްޗާއި އެހެންވެސް ތަކެތި ވަގަށް ނަގައި އެތަކެތީގެ ވިޔަފާރި ހިންގާކަމާއި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ހިންގުމުން ފެށިގެން ތަފާތު އެކި ކުށްތަކުގައި ބިދޭސީންގެ ބައިވެރިވުން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއެވެ.

މިފަދަ ގިނަ މައްސަލަތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ޑޮކިއުމަންޓްސް ނެތި ރާއްޖޭގައި އުޅެމުންދާ ބިދޭސީންކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރަށް އެފަދަ ފަރާތްތަކުގެ ސައްހަ މައުލޫމާތު ކަށަވަރުކުރުމުގައި ބޮޑެތި ގޮންޖެހުންތައް ދިމާވާކަމާއި އެމީހުން ގައުމުން ފޮނުވާލުމުގައި ލަސްތަކެއް ވަމުން އަންނާތީ މުޖުތަމައަށް ދޫވެފައި ތިބުމުގެ ސަބަބުން ތަކުރާރުކޮށް ކުށްތަކަށް އަރައިގަންނަމުންދާތީ އެކަމުގެ ކަންބޮޑުވުން ހިއްސާކޮށް، ގާނޫނާއި ގަވާއިދުގެ ތެރެއިން އެފަދަ ފަރާތްތައް ޑިޕޯޓްކޮށްލުމުގެ މަސައްކަތް އަވަސްކުރެވޭނެ ގޮތްތަކާމެދުވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ބައްދަލުވުމުގައި އިމިގްރޭޝަންގެ ފަރާތުން ބައިވެރިވެވަޑަތް އޮފިސަރުންވެސް ވަނީ ބިދޭސީންގެ މައްސަލަތަކުގައި ހުރި ގޮންޖެހުންތައްވެސް ހިއްސާކޮށްފައެވެ.

އެގޮތުން އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި މިހާރު ތިބި މީހުންތައް ފޮމުވާލުމުގައި އެކި ކަހަލަ ލަސްވުންތައް ހުރުމުން އިތުރު މީހުން ނެގުމަށް ދަތިތަކެއް ހުރިކަން ފާހަގަކޮށްފަވާއިރު މިހާރުން މިހާރަށް އެޅެން ހުރި ފިޔަވަޅުތައް ދެނެގަނެ ދެފަރާތުން އެއްބާރުލުންދީ އެކުގައި މަސައްކަތްކުރުމަށް ވަނީ މަޝްވަރާ ކޮށްފައެވެ.

އެގޮތުން ރާވާލެވޭ ގޮތަށް މަސައްކަތް ކުރިއަށް ގެންދެވޭތޯ ބެލުމަށް ފޮލޯއަޕް އިތުރު ބައްދަލުވުމުންތައް ބޭއްވުމަށާއި މަސައްކަތުގައި ދިމާވާ ދަތިތަކުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ފޯރުކޮށްދީ ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެފައިވެެއެވެ.

ބިދޭސީންނާއި ގުޅޭ މައްސަލަތަކުގައި އިމިގްރޭޝަނާއި ފުލުހުން އަބަދުވެސް ގުޅިގެން މަސައްކަތް ކުރަމުން ދެއެވެ. އެގޮތުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ނެގުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައިވެސް ދެފަރާތް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.