ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން މުޅި ރާއްޖޭގައި އާންމުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

މިނިސްޓަރ އޮފް ހެލްތު އަހްމަދު ނަސީމް ސޮއިކުރައްވައި މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ ޖޫންމަހުގެ 3 ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމައި އެކަން އިއުލާން ކުރައްވާ ކަމަށެވެ.

މިފަދައިން ނިންމެވީ ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް އަދިވެސް އިތުރަށް ފެތުރުމުގެ ނުރައްކާ އޮތުމާއެކު،ރާއްޖޭގައި އަދިވެސް ފުޅާ ދާއިރާއެއްގައި ބަލި ފެތުރުމުގެ ނުރައްކާ އޮތުމާއެކު، ރާއްޖޭގައި އިޢުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ކަމަށާއި، އަދި އެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލު ކުރެއްވޭ ކަމަށް ލަފާދެއްވާފައިވާތީ ކަމަށް ގަރާރުގައި ވެއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ދިވެހިރާއްޖޭގައި ފެތުރުން އިތުރުވަމުން އައުމާގުޅިގެން، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެދަށުން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފުރަތަމަ އިޢްލާން ކޮށްފައިވަނީ މިދިޔަ 2020 ވަނަ އަހަރުގެ މާޗްމަހުގެ 12 ވަނަ ދުވަހުއެވެ.

އޭގެފަހުން، ރާއްޖޭގައި އިޢްލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މީގެކުރިން 13 ފަހަރެއްގެމަތިން އިތުރުކޮށްފައި ވެއެވެ.

ކޮވިޑް-19 ބަލީގެ ޕޮޒިޓިވް ކޭސްއެއް ރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ 2020 ވަނަ އަހަރުގެ މާޗްމަހުގެ 7 ވަނަ ދުވަހުއެވެ. އަދި ވެރިރަށް މާލެއިން ޕޮޒިޓިވް ކޭސްއެއް ފެނިފައިވަނީ 2020 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 15 ވަނަ ދުވަހުއެވެ.

އޭގެފަހުން، އިއްޔެގެ ނިޔަލަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 31،330 އަށް އަރާފައެވެ. އިއްޔެ އެކަނިވެސް 585 މީހުން އަލަށް ޕޮޒިޓިވް ވެފައި ވެއެވެ.