އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރާ ތާރީޚް އިއުލާންކޮށްފިއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ ކޮށްފައިވާ ޓްވީޓެއްގައި ވަނީ ސިޓީ، އަތޮޅު، އަދި ރަށު ކައުންސިލަރުން ހުވާކުރުން މިމަހުގެ 17 ވާ ހޯމަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.

މިމަހުގެ 17 ވަނަ ދުވަހު ކައުންސިލަރުން ހުވާ ކުރާނެ ކަމަށް އެލްޖީއޭއިން ހާމަކޮށްފައިވާއިރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް އިންތިޚާބުވި މެމްބަރުންނާމެދު ނިންމާގޮތެއް އެލްޖީއޭއިން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

އަލަށް އިންތިޚާބުވި ކައުންސިލަރުންނާއެކު ރާއްޖޭގެ ރަށްތައް ލާމަރުކަޒީ ކުރެވިގެން ދިޔުމަކީ ސަރުކާރުގެ އަމާޒެކެވެ.

އެގޮތުން އެލްޖީއޭއިންވެސް އަންނަނީ މިކަންކަމަށް ރައްޔިތުން އަދި ކައުންސިލަރުން އަހުލުވެރިކުރުމަށް ތަފާތު އެކި ޕްރޮގްރާމުތައްވެސް ހިންގަމުންނެވެ.

އެގޮތުން ލާމަރުކަޒީ ނިޒާމާ ގުޅޭ 101 ސުވާލާއި ޖަވާބު ހިމެނޭ ފޮތެއްވެސް ދާދިފަހުން އެލްޖީއޭއިން ވަނީ ނެރެފައެވެ.

މިފޮތަކީ، ލާމަރުކަޒީ ނިޒާމާއި ދިވެހިރާއްޖޭގައި ލާމަރުކަޒީ ނިޒާމް ބައްޓަންވެފައިވާ ގޮތާއި، ލާމަރުކަޒީ ގާނޫނުގެ ދަށުން އުފެދިފައިވާ ކައުންސިލްތަކާއި، އެކައުންސިލްތަކަށް އިންތިޚާބުކުރެވޭ ކައުންސިލަރުންނާއި އަދި މިނިޒާމާއި ރައްޔިތުންނާއި ހުރި ގުޅުމާއި ގުޅޭގޮތުން މުހިއްމު މައުލޫމާތުތަކެއް އާއްމުންނަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި 101 ސުވާލާއި ޖަވާބުގެ މައްޗަށް ތައްޔާރުކޮށްފައިވާ ފޮތެކެވެ.

މިފޮތުގެ ސަބަބުން އަލަށް އިންތިޚާބުވެފައިވާ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގާއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނަށްވެސް ލާމަރުކަޒީ ނިޒާމާ ގުޅުންހުރި ތަފާތު އެކި ސުވާލުތަކުގެ ޖަވާބު ލިބިގެންދާނެ ކަމަށްވެސް އެލްޖީއޭއިން ބުނެއެވެ.

މިފަދަ ފޮތެއް އެލްޖީއޭއިން ނެރެފައިވާއިރު، ސަރުކާރުން ދާދިފަހުން ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ކައުންސިލްތަކަށް މާލީގޮތުން ބޮޑެތި ބާރުތަކެއް ވަނީ ދީފައެވެ.

އެގޮތުން ރަށުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކުން ލިބޭ އާމްދަނީގެ 40 އިންސައްތަ ކައުންސިލްތަކަށް ލިބުމާއި، މުނިސިޕަލް ޚިދުމަތްތަކުން ލިބޭ އާމްދަނީ އެއްްކޮށް ކައުންސިލްތަކަށް ދިނުން ހިމެނެއެވެ.

އަދި "ބްލޮކް ގްރާންޓް" ނުވަތަ ހިލޭ އެހީ ދޭ ގޮތުގައި ކައުންސިލްތަކަށް ޑޮމެސްޓިކް ރެވެނިއުގެ 5 އިންސައްތަ ދައުލަތުގެ ބަޖެޓުން ދިނުންވެސް ހިމެނެއެވެ.